ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ރެގިއެލޭޝަނާ ގުޅިގެން، ކަސްޓަމަރުންނަށް މޯބައިލް ނަމްބަރުތައް މެނޭޖްކުރާން ފަސޭހަކޮށްދިނުމުގެ ގޮތުން، ދިރާގުން ޚާއްސަ ޕޯޓަލެއް ތައާރަފްކޮށްފިއެވެ.

ކޭމްއިން އަލަށް އަމަލުކުރާން ފެށި ގަވައިފުގައި ވާގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވޯކެއްގައިވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީއެއްގެ ނަންމަތީ ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ 3 މޯބައިލް ނަންބަރެވެ.

އަމިއްލަ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވޭ ނަންބަރު ތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި ނަމަވެސް ކުންފުނިތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ނަންބަރު ނެގުމުގައި އެއްވެސް ލިމިޓޭޝަނެއް ނޯންނާނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހަކަމާއެކު، ދިރާގު "މައި ސަރވިސަސް ޕޯޓަލް" މެދުވެރިކޮށް، އެ ފަރާތެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރުތައް ބަލައިލެވޭނޭ ކަމަށާއި، އަދި ހުއްދަކުރެވިފައިވާ އަދަދަށްވުރެ އިތުރުވާ ނަންބަރުތަކާ މެދު އިތުރު ފިޔަވަޅުއެޅޭނޭ ކަމަށެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ތަރައްގީކޮށް ލުއިފަސޭހަކޮށްދިނުން ކަމަށާއި، ދިރާގު "މައި ސަރވިސަސް ޕޯޓަލް" މެދުވެރިކޮށް އެ ކަސްޓަމަރެއްގެ ނަމުގައިވާ ނަންބަރުތައް އަމިއްލައަށް މެނޭޖުކުރުމުގެ ފުރުސަތު އަންނަ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.