ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖޭގެ ދަރަނި އަލުން އަނބުރާ އެކުލަވައިނުލެއްވީ، ސްކޫކް ބޮންޑު ވިއްކައިގެން ލިބޭ ކޮމިޝަނަށްޓަކައި ކަމަށާއި، މިއީ ދައުލަތެއްގެ ވެރިޔަކަށްވެ ހުރެ ވެވޭނޭ އެންމެ ބޮޑު ޚިޔާނާތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުމާއެކު، ރާއްޖޭގެ ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް ތަކުރާރުކޮށް ރައީސް އިބްރާހީމަށް ދެންނެވި ކަމަށެވެ.

"ތަކުރާރުކޮށް ދެންނެވިން މިގޮތަށް މިކަން ބޭއްވުމަކީ ވަރަށް ނުރައްކާތެރި ކަމެކޭ. ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް މަސައްކަތް ކުރައްވާށޭ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކޮށްގެން "2020ގައިވެސް އަޅުގަނޑުމެންނަށް ސަލާމަތްވެވޭން އޮއްވާ އެހެން ނަމަވެސް މި ސުކޫކު ބޮންޑެއް ވިއްކައިގެން އަނެއްކާ ބޮޑަށް އަޅުގަނޑުމެން މި ތިބީ ދަރަނިވެރި ވެފައި،" ކަމަށެވެ.

ރައީސް ނަޝީދު ސިފަކުރެއްވިގޮތުގައި، ތަކުރާރުކޮށް ރައީސް އިބްރާހީމަށް ދަރަނީގެ ވާހަކަ ދެންނެވުމުންވެސް އެމަނިކުފާނު ވިސްނުންފުޅުހުރީ، ބޮންޑު ވިއްކައިގެން އަމިއްލަ ޖީބަށް ލެވޭބައި ދޫކޮށް ނުލައްވައި، ދައުލަތުގެ ދަރަނި ވާނެގޮތެއްވާން ދޫކޮށްލެއްވުން ކަމަށެވެ.

"އެހެން ނަމަވެސް ރައީސް ނިންމެވީ އެކަން ނުކުރައްވާން. އަޅުގަނޑަށް މިއަދު އިނގިފައިއޮތް މައުލޫމާތަކީ، މިއީ އެންމެ ބޮޑު ޚިޔާނާތް. ދަރަނި އެކުލަވައި ނުލެއްވީ، އަލުން ދަރަނި ރީސްޓްރަކްޗަރ ނުކުރެއްވި ހަމައެކަނި ސަބަބަކީ، އަލަށް ޓްރެޜަރީ ބޮންޑެއް، އެ ސުކޫކު ވިއްކުމުގެ ނިޔަތުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، "ރައީސް ޔާމީން ވިއްކަވާފައި އޮތް ސަނީސައިޑް ބޮންޑު، 250 މިލިއަން ޑޮލަރު، އެ ބޮންޑު މެޗުއަރވޭ 2020އަށް. އެ މެޗުއަރ ވުމުގެ ކުރީގައި، ދައްކާން ޖެހުމުގެ ކުރީގައި އެ ދަރަނި އަލުން އަނބުރާ އެކުލަވައިލެވުނު ނަމަ، އަޅުގަނޑުމެންނަށް އެ ސުކޫކު ބޮންޑު ވިއްކާކަށް ނުޖެހުނީސް،" ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސްކޫކު ބޮންޑު ސްޓްރަކްޗަކުރަމުން، އަދި އޭގެ މަސައްކަތްކުރަމުން އެ ވިއްކުމަށް މަސައްކަތްކުރި ނުވަތަ މަސައްކަތްކުރާ އޭޖެންސީއަށް ވަރަށް ބޮޑު ކޮމިޝަނެއް ލިބއެވެ.

"އެ ކޮމިޝަނުގެ ބޭނުމަށްޓަކައި އަޅުގަނޑަށް މިހާރު މި އިނގެނީ ދަރަނި އެކުލަވައި ނުލީ، ދަރަނި އަލުން އަނބުރާ އެކުލަވައި ނުލީ. އަޅުގަނޑު ދެކޭ ގޮތުގައި އެއަށްވުރެ ބޮޑު ޚިޔާނާތެއް ނެތް. އެންމެ ބޮޑު ޚިޔާނާތް އެއީ،" އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ދެން ވެދާނެ ކޮމިޝަން ފަހަރެއްގައި ބޮޑު ކަމަށްވެސް، މި ރުފިޔާގެ ކަންތައްތައް ޖީބަށް ވަންނައިރު އަޅުގަނޑަށްވެސް އޭގެ އަގު މާބޮޑަށް... 1 މިލިއަން ޑޮލަރު އެއީ ވަރަށް ބައިވަރު ރުފިޔާ،" ކަމަށެވެ.

ދައުލަތަކަށް ބަލައިފި ނަމަ 1 މިލިއަން ޑޮލަރަކީ ކުޑައެއްޗެއް ކަމަށް ދެއްކި ނަމަވެސް، އަމިއްލަ ބޭނުމަށް މި ސުކޫކު ބޮންޑުގެ ކޮމިޝަނަށްޓަކައި ރައީސް އިބްރާހީމް ސުކޫކު ބޮންޑު ވިއްކީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި "އެހެންވީމާ ސަނީސައިޑް ބޮންޑު ރީސްޓްރަކްޗަރ ނުކުރީ،" ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ދެއްކޭން ނެތްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ރާއްޖެއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކުގައި އެދިގެން ރާއްޖޭގެ ދަރަނި އަލުން ރީސްޓްރަކްޗަރކުރައްވާން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަޢުދުވެވަޑައިގެންފައިވާ ކަމަށެވެ.

"2026 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީއަށް ވުރެ އެތައް ގުނައެއް އިތުރަށް، އެބަ ދަރަނި އަނބުރާ ދައްކާން އެބަޖެހޭ. އެއީކީ އަޅުގަނޑުމެން އަތުގައި ހުރި ފައިސާއެއް ނޫން. އެންމެ ފަހުވަގުތު ޖެހުނީމާ ފަހަރެއްގައި ދޭދޭ ގައުމަކުން އައިސް އިތުރު ދަރަންޏެއް ދީފާނެ. އެހެން ނަމަވެސް، އެއީ ދަރަނިން ސަލާމަތްވެވުނީކީ ނޫން އަދި ބޮޑަށް މި އަނދަވަޅަށް ވެއްޓުނީ،" ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.