ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކެމްޕޭން ކުރަމުންދާއިރު، ރައްޔިތުންނަށް އޯގާތެރިކަމެއް ނެތް، އެއްވެސް އިހްތިރާމެއް ނުކުރާ، އަދި ދޮގުހަދާ ބަޔަކު އަދިވެސް ވެރިކަމުގައި ބައިތިއްބަންވީތޯ ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ފާޑުވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުދީ، ސަރުކާރުން ރަނގަޅު ނިޔަތެއް އޮވެގެން ކަންކަން ކުރި ނަމަވެސް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.

އެގޮތުން، "ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރާއި ހަމަޔަށް ލޯނު ނެގިއިރު، ތައުލީމީ ހާލަތު މިގޮތަށް ދާންޖެހޭ އަދި ސަރުކާރުން ލޯނެއް ދޭނެކަމަށް ހަމަޖައްސާފައިވާއިރު، ކިޔަވާކުދިން ލޯނު ނުލިބިގެން ސްޓްރަގަލް ކުރަން ޖެހޭނެ ސަރުކާރެއް އޮވެގެން ދިޔުމަކީ އެއީ އެކަމުން ފެއިލްވުން ދެއްތޯ ވަރަށް ވެސް ރީތިކޮށް؟" ވިދާޅުވެ އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ، "އާންމު ރައްޔިތު މީހާއަށް ލޯނުދޭނެކަމަށް އެއްބަސްވެ، އެއްބަސްވުން ހެދުމަށްފަހުވެސް އެލޯނު ނުލިބިގެން ފަހަތުން ދުވަން މިކުދިން މިތާ ތިބެނީ ބޮޑު ހަރަދުކޮށްގެން މާލޭގެ އެކޮޅުން މިކޮޅަށް ދުވެލަ ދުވެލާ،" ކަމަށެވެ.

ދަރިވަރުން އެތައް ދުވަހެއް ވަންދެން، މިގޮތަށް މަގުމަތީގައި ގަނަތެޅޭއިރު އެކަން ބޮޑުކަމަކަށް ނުވާ ބަޔަކަށް އަދިވެސް ވެރިކަން ދޭންވީތޯ އޭނާ ސުވާލުކުރެއްވިއެވެ.

"އެހެންވީމާ މިވަރުގެ ބޮޑެތި ނިކަމެތިކަން އެއްވެސް ކަހަލަ ރެސްޕެކްޓެއް އިހްތިރާމެއް އާންމު ރައްޔިތުންނާ ދޭތެރޭ އޯގާތެރިކަމެއް ނެތި މިގޮތަށް ދޮގު ހަދައިގެންދާ ބަޔަކު ވެރިކަމަށް ގެނެސްގެން ވެރިކަމުގައި ބޭތިއްބުން ތޯއޭ ބޭނުންވަނީ،" ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައި މިވަނީ، ސަރުކާރުން ދޫކުރާ ލޯނު ސްކީމްގެ ދަށުން ލޯނު ލިބޭނޭކަން އަންގާފައިވާ އެތަކެއް ދަރިވަރުން، ލޯނުފައިސާ ހަމަ ނުޖެހިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެއްގައެވެ.