ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަނޑައަޅުއްވައި އެކަން އިއުލާނުކުރައްވައިފިއެވެ.

ރައީސް އިބްރާޙީމް ހުވަދުއަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭން  ދަތުރުފުޅުގެ ތެރޭން، ބުދަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ޖަލްސީގައި ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުރުކަޒީކޮށް ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ސިޓީއެއްގައި ހުންނާ ޖެހޭ ހުރިހާ ޝަރުތެއް ތިނަދޫގައި މިހާރު ހަމަވެފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގެވުމުންކަމަށެވެ. އެގޮތުން، މި ދަތުރުފުޅުގައި ތިނަދުއަށް ވަޑައިގަތުމުގެ ކުރިން ތއެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަމުގެ ޤަރާރުގައި ސޮއިކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސިޓީއެއްގެ ދަރަޖަ ތިނަދޫއަށް ދިނުމާއެކު، އެރަށުގައި ސިއްހީ އަދި އިގްތިޞާދީ ބޮޑެތި މަޝްރޫއުތަކެއް ފެށިގެން ދާނޭކަން ރައީސް އިބްރާހީމް ފާހަގަކުރެއްވިއެވެ.

އެގޮތުން، އެރަށުގައި މުޅިން އާ ޓަރޝަރީ ހޮސްޕިޓަލަކާއި، ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެ މަސައްކަތް ކުރިއަށްގެންގޮސް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެރަށުގެ މަސްވެރީންނަށް 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 120 ޓަނުގެ ފްރީޒިން ފެސިލިޓީއެއް ޤާއިމްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރާން 500 ފްލެޓް ތިނަދޫގައި އަޅައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުމުން މިހާރު ރާއްޖޭގައި 5 ސިޓީ އޮންނާނެއެވެ. އެއީ މާލެ، ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއެވެ. އާބާދީ ބޮޑެތި ރައްތަކަށް ނަމެއްގައި ސިޓީގެ ދަރަޖަ ދިންކަމުގައި ވީނަމަވެސް މި ހުރިހާ ސިޓީއެއްވެސް އަދިވެސް އެންމެ އާދައިގެ ކަންކަމުގައިވެސް މާލެ ސިޓީއަށް ބަރޯސާވާން ޖެހެއެވެ.