ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަށް ރިޝަވަތު ދެއްވައިގެން އަލުން އަނބުރާ އެމްޑީޕީއަށް ގެނެސްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ މީގެ ކުރިން އެމްޑީޕީއިން ވަކިވެ ވަޑައިގެން ޑިމޮކްރެޓްސްއާއި ގުޅުނު މަޖިލީހުގެ ދެ މެންބަރަކު އަލުން އެމްޑީޕީއާއި މިދިޔަ ހަފްތާގެ ތެރޭގައި ގުޅިފައިވާކަމަށެވެ.
ރައީސް އިބްރާހީމް ވިދާޅުވީ އެމްޑީޕީއާ ދުރަށް ޖެހިވަޑައިގެން ތިއްބެވި ބޭފުޅުންނަށް އެ ޕާޓީއަށް އަލުން ގުޅުމަށް ދައުވަތު އަރުވާ ކަމަށާއި އެމްޑީޕީ ތެރޭގައި އެ މެންބަރުންނަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށެވެ. އަދި ހަމަކުރީގަ އެ ތިއްބެވި ހިސާބުގައި އެ ބޭފުޅުނަށް ތިއްބެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވަކިވެގެން ދިޔަ ބޭފުޅުންނާ ސިޔާސީ ބައެއް ކަންތައްތަކުގައި ހިޔާލު ތަފާތުވި ނަމަވެސް ރާއްޖެ ތަރައްގީ ކުރުމަށް އަމާޒު ހިފާފައިވަނީ އެއް ދިމާލަކަށް. ރަށްރަށަށް ދިޔައީމަ ފެނުނު މަންޒަރަކީ އެމްޑީޕީ އޮތް ގޮތައް އެހެން ޕާޓީއަކަށް ސޮއި ނުކޮށް އޮތީ، މަދު ބޭފުޅުންކޮޅެއް ވަކިވެގެން ދިޔައީ. އަދިވެސް އެ ބޭފުޅުންނަށް އިލްތިމާސްކުރާނީ ވަޑައިގެން އެ ބޭފުޅުންގެ އެމްޑީޕީގައި އެ ބޭފުޅުންނަށް ހުރުއްވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެގެން ގެންދެވި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސަށް ތުހުމަތުކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއްވެސް މެންބަރަކަށް ރިޝަވަތު ދީފައި ނޯންނާނެ ކަމަށެވެ. އެއްވެސް މެންބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝަވަތޭ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ އެއްވެސް އެއްޗެއް ދީފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެެ.
"ކުޅުދުއްފުށި އޮތްގޮތް މިހާރު އެބަ އިނގޭ. ތޮއްޑޫ އާއި ރަސްދޫގެ ވިންދާ އިހްސާސްހުރި ގޮތް އަޅުގަނޑުމެންނަށް އެބަ އިނގޭ. ހަގީގީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ވިންދާ އިހްސާސް އެއްގޮތަށް،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެން ބޭފުޅުން އެ ނިންމުން ނިންމީ އެ ދާއިރާއެއް އެ ރަށަކަށް ތަރައްގީ ގެނެވެން އޮތީ އެމްޑީޕީއާއިއެކު ކުރިއަށް ގޮސްގެން ކަމަށް ގަބޫލްކުރެވޭތީ ކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ބައެއް މެންބަރުންނާއި މިހާރުވެސް ވާހަކަތައް ދެކެވެމުންގެންދަވާ ކަމަށެވެ. ވަކި ގޮތެއް ފައިނަލް ވުމުން އެއީ ކޮން ބޭފުޅުންނެއްކަން އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.