ރައްޔިތުންގެ ތާޢީދު އެންމެ ބޮޑީ ކޮން ޕާޓީއަކަށްތޯ ނުވަތަ ކޮން ކެންޑިޑޭޓަކަށްތޯ އެނގޭނީ މަގުމަތީގައި ދަމާ ބެނާތަކާއި ދިތަތަކުން ނޫން ކަމަށާއި، ރައްޔިތުންގެ ތާޢީދު އެނގޭނީ އެމީހުން ދޭ ވޯޓުންކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ރިޔާސީ ސިޔާސަތު ޕްރޮގްރާމްގައި އެ ޕްރޮގްރާމްގެ ހޯސްޓް ވަނީ، "އެންމެ ނުފޫޒުގަދަ ސަރަހައްދަކީ މާލެ ކަމަށްވާއިރު، ކެމްޕޭން ޕޯސްޓަރުތަކާ ދިދަތައް މިފެންނަނީ، އިދިކޮޅު އެމްޑީޕީއާ ޕީޕީއެމްއާ ޖުމްހޫރީ ޕާޓީ ފަދަ ޕާޓީތަކަށްވުރެ ވެސް މާމަދުން. އެއީ ކީއްވެތޯ؟ ޚާއްސަގޮތެއްގައި މާލޭގައި ތާޢީދު ކުޑަކަމުން އެކަން ކުރާނޭ ބަޔަކު ހަމަ ނުވަނީތޯ ތިޕާޓީއަށް؟" ބުނެ އިލިޔާސަށް ސުވާލެއް ކުރިމަތިކުރައްވައިފައެވެ.

މި ސުވާލުގެ ޖަވާބުގައި އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްއަކީ އަދި ވަރަށް ހަގު ޕާޓީއެއް ކަމަށާއި، އަދި މާލޭގެ ރައްޔިތުންނަކީ ވަރަށް ތަންދޮރުދަންނަ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، "އެމީހުންނަކީ އަބަދުވެސް ސިޔާސަތުތަކަށް ބަލާބައެއް. އަޅުގަނޑު މާލޭގެ ރައްޔިތުންނަށް ދޭން އޮތްއެއްޗަކީ ވެށިފަހި މާލެ ޕްރޮގްރާމް،" ދަ ޑިމޮކްރެޓްސްގެ "ވެށިފަހި މާލެ ޢަބުރުވެރި ޙަޔާތެއް"، ބޯހިޔާވަހިކަމުގެ ސިޔާސަތު މިހާރު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އޭނާ ރައްޔިތުންނަށް ވިއްކަވަނީ ހަގީގަތަށް ހެދޭފަދަ ސިޔާސަތުތައް ކަމަށާއި، މަގުމަތީގައި ދިދަފަތި ދަމާން ފައިސާ ޚަރަދުކުރުމަށްވުރެ، މުހިއްމީ އެ ފައިސާ ޚަރަދުކޮށްގެން ރައްޔިތުންނާ ހަމައަށް އޭނާގެ ސިޔާސަތުތައް ގެންގޮސްދިނުންމަށް ކަމަށެވެ.  

"އަޅުގަނޑުމެން ފައިސާ ޚަރަދުކުރާން ބޭނުންވަނީ، މަގުމަތީގައި ދިދަފަތި ދަމައި، އެކަންކުރާކަށް ނޫން. ފައިސާ ޚަރަދުކުރާން ބޭނުންވަނީ އަޅުގަނޑު ޑޯރޓުޑޯރއަށް ހިނގައި، އަޅުގަނޑު ރަށްރަށަށް ދަތުރުކޮށް، އަޅުގަނޑުގެ މެސެޖް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށް، އަޅުގަނޑުގެސިޔާސަތު ރައްޔިތުންނާ ހަމައަށް ގެންގޮސް ދިނުމަށް،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ޖޯޝާއެކު ވިދާޅުވަމުން ގެންދެވިއެވެ.

އޭނާ ވިދާޅުވީ، "ފައިސާ ޚަރަދުކުރާން ބޭނުންވަނީ، އަޅުގަނޑު މަސްވެރީންނަށް ކޮށްދޭން އުޅޭ ކަންތައްތައް، އަޅުގަނޑު ޓެކްސީ ޑްރައިވަރުންނަށް އެމީހުންގެ އާމްދަނީއަކީ މުސާރައެއް ކަމުގައި ކަޑައަޅައި، އެމީހުންގެ މުސާރަ ދައުލަތުން ސަރުކާރުން ބަލައިގަނެ، އެމީހުންނަށް ލޯނުފެސިލިޓީއާ އެމީހުންނަށް ކްރެޑިޓް ފެސިލިޓީތަކަށް އެޕްލައިކުރެވޭނޭކަން އެމީހުންނާ ހަމައަށް އެމެސެޖް ގެންގޮސްދިނުން،" ފަދަ ކަންތައްތަކަށް ކަމަށެވެ.

އެގޮތުން "މާލޭ ރައްޔިތުންގެ ވޯޓު ނިންމާނީކީ ދަމާފައި ހުންނަ ދިދަފައްޗަކުން ނޫން. މަގުމަތީގަ ހުންނަ ބޯޑަކުންނެއް ނޫން. އަޅުގަނޑުގެ މެސެޖް މާލޭ ރައްޔިތުންނަށް ވަރަށް ސާފުކޮށް ލިބޭ. އެބޭފުޅުން ތިބީ ވޯޓުދެއްވަން ތައްޔާރަށް، އެއީ ޝައްކެއް އޮތްކަމެއް ނޫން،" ކަމަށް ވަރަށް ޔަގީންކަމާއެކު އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓުންނަށްވެސް މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދިދަފޮތި ދެމިދާނެ ކަމަށެވެ. ނަމަވެސް އެއީ، ކަންކަމަށް ޚަރަދުކުރާނޭ އެކްސްސް ކޭޝް ހުރެގެން ކުރާ ކަންތައްކަމަށެވެ.

"އަޅުގަނޑުމެންގެ ކެމްޕޭނަށް ފައިސާގެ ދަތިކަން އެބަހުރި ، އަޅުގަނޑު އެކަމަކާ ދެކޮޅެއް ނަހަދަން،" އިލްޔާސް ވިދާޅުވިއެވެ.