ދިވެހިރާއްޖޭގެ ވެރިކަމަށް މިވަގުތު ބޭނުންވަނީ، އެންމެ މޮޅަށް ތައުލީމު އުނގެނިގެން ހުރި މީހާ ނުވަތަ އެންމެ ޒުވާން މީހާ ނުވަތަ އެންމެ އާ މީހާވެސް ނޫންކަމަށާއި ގައުމަށް މިއަދު ބޭނުންވަނީ ދިވެހީންގެ މުދަލާއި ފައިސާއަށް އާމާނާތްތެރިވެ ގައުމު މިއޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކޮށްދޭނޭފަދަ ބޭފުޅެއް ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތްކުރައްވަމުން ގެންދެވުމަށް ފަހު، ރައީސް ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބި، ބަދަލުގައި ޑރ. މުޙައްމަދު މުޢިއްޒަށް އެ ޓިކެޓް ދިނުމުން، ދާދި ފަހުން ޕީޕީއެމުން ކެނޑިވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޑރ. ވަހީދު ވިދާޅުވީ، އޭނާ ގަބޫލުރައްވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭން، ވެރިކަމަށް އެންމެ ކުފޫ ހަމަވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ، " މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ އެންމެ މަތީ ތަޢުލީމު ޙާސިލްކޮށްފައި ހުރި މީހާއެއް ނޫން. އެންމެ އާ މީހެއް ވެސް ނޫން. އެންމެ ޒުވާން މީހެއް ވެސް ނޫން،" ކަމަށެވެ. "އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ މުދާ، އަޅުގަނޑުމެންގެ ފައިސާ އަމާނާތްތެރިކަމާއި އެކީގައި ބަލަހައްޓައިދޭނެ މީހަކު،" ކަމަށެވެ.

އޭނާ ވިދާޅުވީ، މިވަގުތު މިރާއްޖެއަށް ބޭނުންވަނީ، "ބޮޑެތި ދަރަނިތަކުން ސަލާމަތްކޮށްދޭނެ މީހަކު،" ކަމަށެވެ. "އެއީ ޤާސިމް ފަދަ ބޭފުޅެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ، މިހާރު ނުރައްކަލަށް ވެއްޓިފައިވާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރައްވާނޭކަމުގެ ޔަގީންކަންވެސް އެބަ އޮތްކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.