މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތުގެ ރަންމެޑަލް ހޯދައިފިއެވެ. މިއީ ޖެހިޖެހިގެން ރާއްޖެ މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ލީގު އުސޫލުން ކުރިއަށް ގެންދިޔަ، އަންހެން ޓީމު އިވެންޓުން ރާއްޖެ މޮޅުވީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. ރާއްޖޭގެ ގައުމީ ޓީމު ތަމްސީލުކުރީ، ފާތިމަތު ދީމާ އަލީ، އާމިނަތު ރަފާ ނާޒިމް، ފާތިމަތު ޖުމާނާ ނިމާލް، ލައިސާ ފަތުހުﷲ އިސްމާއިލް، މިޝްކާ މުހައްމަދު އިބްރާހިމް އަދި އާމިނަތު ޝިއުރާ ޝަރީފެވެ.

މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް ގައުމީ ޓީމަކުން ބައިނަލްއަގްވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ފުރަތަމަ ފަހަރެވެ.