ހުކުރު ދުވަހު ހަވީރު މަޑަގަސްކަރަގައި ފެށިގެން ދިޔަ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތު ބަލަން ސްޓޭޑިއަމަށް މީހުން ވަންނާން އުޅުމުގެ ތެރޭގައި ބާރުވެ ތޮއްޖެހިގެން މަދުވެގެން 12 މީހަކު މަރުވެއްޖެއެވެ.

މަޑަގަސްކަރައިގެ ބޮޑުވަޒީރު ކްރިސްޓިއަން ސޭއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، މަޑަގަސްކަރައިގެ ނޭޝަނަލް ސްޓޭޑިއަމް (މަހަމަސިނާ ސްޓޭޑިއަމް)އަށް ވަންނާން އުޅުމުގެ ތެރޭގައި މަދުވެގެން 12 މީހަކު މަރުވެ، 80 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ.

މަހަމަސިނާ ސްޓޭޑިއަމްގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް މިފަދަ ހިތާމެވެރި ހާދިސާއެއް ހިނގައި 15 މީހަކު މަރުވިއެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތަށް ދަނޑަށް ވަޑައިގެން ހުންނެވި، މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާ ވިދާޅުވީ، މިހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ މީހުން ސްޓޭޑިއަމަށް ވަންނާން އުޅުމުގެ ތެރޭގައި، ކޮއްޕައިގަޅުވައި ހެދުމުން ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައެއް އަދި ގެއްލުމެއް ލިބިފައެއްވެސް ނުވެއެވެ.

ދުނިޔޭގެ އޮލިމްޕިކް ކޮމިޓީން 1977ގައި އުފެއްދި އައޯއައިޖީގައި ވާދަކުރަނީ، މަޑަގަސްކަރައާއި ރާއްޖޭގެ އިތުރުން، މޮރިޝަސް، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ސީޝެލްސްއެވެ.