މަޑަގަސްކަރައިގެ ސަގާފީ ކުލަގަދަ ހަރަކާތްތަކަކާއެކު އެގައުމުގައި، މި އަހަރުގެ (2023ގެ) އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަށައިފިއެވެ.  

މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީގައި މިފަހަރު ވާދަކުރާ ގައުމުތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަތް ކުލަގަދަ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ، މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައެވެ.  ހުޅުވުމުގެ ރަސްމިއްޔާތުގައި ސަގާފީ ނެށުންތަކާއި މަޑަގަސްކަރައިގެ ހާއްސަކަން ދައްކުވައިދޭ ރަފާތު އެކިއެކި ހުށަހެޅުންތަކުގެ އިތުރުން ޑްރޯން އަދި ލޭޒަރ ޝޯއެއްވެސް ވަނީ ބާއްވައިފައެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތިގައި، މިއަހަރުގެ މުބާރާތްތަކުގައި ވާދަކުރާ ހަތް ގައުމުގެ އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިޖެންޓްތަކުން އެގައުމުތަކުގެ ދިދަ ހިފައިގެން ހިނގާލުމުގައި ބައިވެރިވިއެވެ. ރާއްޖޭގެ ކޮންޓިޖެންޓްގެ ދިދަ ވިހުރުވާލަ ދިނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީއާއި ރާއްޖޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ)އެވެ.

މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައި އޮތް އައިއޯއައިޖީ 2023ގެ ހުޅުވުމުގެ ރަސްމިއްޔާތު-- އެމްއޯސީ ފޮޓޯ: ޝައިބާން

 

ޖުމުލަ 17 ކުޅިވަރެއްގައި 2000އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ، މޮރިޝަސް، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ސީޝެލްސްއެވެ.

މިއަހަރުގެ މުބާރާތުގައި 9 ކުޅިވަރެއްގައި ޖުމުލަ 176 އެތުލީޓުން ރާއްޖެއިން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވޮންޑޯ، ސްވިމިންގ އަދި ބެޑްމިންޓަނެވެ.