ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް އުފައްދާން ރައްޔިތުން ފުރުސަތު ދީފި ނަމަ، ލާމަރުކަޒީ ގާނޫނުގެ ދަށުން، މާލެއާ އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ، ހުރާ، ހިންމަފުށި އަދި ތުލުސްދުއަކީވެސް ގްރޭޓަރ މާލޭގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި ސަރަހައްދުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނޭގޮތަށް ތަރައްގީކޮށްދެއްވާނޭ ކަމަށް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންގެ "ވެށިފަހި މާލެ ބޯހިޔާވަހިކަމުގެ ސިޔާސަތު" ލޯންޗުކުރުމަށް ރާއްޅުގަނޑު ސަރަހައްދުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި އިލްޔާސް ވިދާޅުވީ، "ގްރޭޓަރ މާލެ ސަރަހައްދަކީ ލިމިޓްވެފައި އޮންނަ ސަރަހައްދެއްގެ ގޮތުގައި ނުބާއްވައި، މާލެ ކައިރީގައިވާ  މާލެ އަތޮޅުގެ އެހެނިހެން ރައްތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ގްރޭޓަރ މާލޭގެ ބައެއްގެ ގޮތުގައި ހަމަޖައްސާން ޖެހޭ" ކަމަށެވެ.

އެގޮތުން، "ޑިމޮކްރެޓުން ދެކޭގޮތުގައި، މި މާލެ، މި މާލެ ގްރޭޓަރ މާލެއެއްގެ ގޮތުގައި ވާންޖެހެނީ މި ސަރަހައްދުގެ ރައްތަކަކާއެކީ. މިރަށުގެ މަންފާ، މި ރަށުން ލިބޭން ހުންނަ ޚިދުމަތްތައް، މިރަށުގެ ބެނެފިޓްސްތައް، މި ސަރަހައްދުގެ ރައްޔިތުންނަށް ނުލިބޭންވީ އެއްވެސް ސަބަބެއް ނެތް،" ކަމަށެވެ.

އޭނާ ވިދާޅުވީ، "ހުރާގެ ރައްޔިތުންނަށް، ހިންމަފުށީގެ ރައްޔިތުންނަށް، ތުލުސްދޫ ރައްޔިތުންނަށް، މިމާލޭގެ.. އެއީ ހަމަ މި މާލެއާ ޖެހިގެން އޮތް ރަށްތައް. އެމީހުންނަށް މިތަނުން ލިބޭންޖެހޭ ޚިދުމަތްތައް، މިތަނުން ލިބެން އޮންނަ ވަސީލަތްތައް، އެލިޖިބަލްވާންވީ ކަންތައްތަކަށް ނުވާންޖެހޭ އެއްވެސް ސަބަބެއް ނެތް،" ކަމަށެވެ. އެހެންކަމުން "އަޅުގަނޑުމެން މިއަންނަނީ ލާމަރުކަޒީ ގާނޫނުން އެބަދަލު ގެންނާން. އެއީ ގްރޭޓަރ މާލޭގެ އޭރިއާއެއްގެ ގޮތުގައި ކަނޑައަޅައި، މާލޭގެ ރައްޔިތުންނާ އެއް ހަމައެއްގައި އެމީހުންނަށް، މިތަނުގެ ވަސީލަތްތައް ލިބޭނޭގޮތް ހަމަޖެއްސުން،" ކަމަށް ޒުވާން ކެންޑިޑޭޓު ޔަގީންކަމާއެކު ވިދާޅުވިއެވެ.

ހަމައެއާއެކީ، މާލޭގެ ރައްޔިތުންނަށް މިސަރަހައްދުގައި ހިނގާ ކަންތައްތަކުގައި ބައިވެރިވެވޭނޭ ފުރުސަތު، ޖާގަ އޮންނާން ޖެހޭ ކަމަށާއި ޑިމޮކްރެޓުން އަންނަނީ "މި ބަދަލު މާލޭގެ ރައްޔިތުންނަށް ވެސް ގެނެވޭނޭ ގޮތަށް މި ގްރޭޓަރ މާލެ އެކްސްޕެންޑް ކުރުމުގެ މަޝްރޫޢާ އެކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން،" ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިލްޔާސް ވިދާޅުވީ، މާލޭގެ އަވަށެއް ކަމަށްވާ ވިލިމާލެއަކީވެސް ޑިމޮކްރެޓުންގެ ސަރުކާރެއްގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ތަރައްގީކުރާނޭ އަވަށެއް ކަމަށާއި އެގޮތުން، ވިލިމާލޭ ބާއްވާނީ ތިމާވެއްޓާ ރައްޓެހި ރީތި ހިތްގައިމު މާހައުލެއްގެ ގޮތުގައި ކަމަށެވެ. އަދި އެ އަވަށުގައި 10 ބުރިއަށް ޢިމާރާތްކުރާން ބޭނުންވާ ފަރާތްތަކަށް، ހުޅުމާލޭން ގޯއްޗަށް ގޯތި ބަދަލުކުރުމުގެ ފުރުސަތެއް ދޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، މާލޭ ރައްޔިތުންނަށް އޭނާ ވާ ވައުދުތައް ފުއްދަވާން، ލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާން މިއަންނަނީ، އެކަން ކުރެވޭނެތީ ކަމަށާއި އަދި މި މާލޭގެ ރައްޔިތުންނަށްޓަކައި، ކޮރަޕްޝަނާ ބީރައްޓެހި މަސައްކަތްތަކެއްގެ ތެރޭން އެކަންކުރައްވާނޭ ކަމަށެވެ.