ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އާދީއްތަ ދުވަހު ޗައިނާއަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

ނަމަވެސް، މި އެއްބަސްވުންތަކުގެ މާ ބޮޑު ތަފްސީލެއް ދިވެހި ސަރުކާރުންވެސް އަދި ޗައިނާއިން ވެސް ހާމައެއް ނުކުރެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ގަނޑުވަރުގައި، ރައީސް ޝީ ޖިންޕިންއާއި ޗައިނާ ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާއެއްގައި ރައީސް ޑރ. މުޢިއްޒަށާއި ދިވެހި ވަފްދަށް މަރުހަބާ ދެންނެވުމަށްފަހު، ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި، ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސޯޝަލް ހައުސިންގއާއި ގުޅޭ އެއްބަސްވުމަކާއި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި، ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

މީގެއިތުރުން ކާރިސާއާ ގުޅޭ ގޮތުން ލިބޭ ގެއްލުން ކުޑަ ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމަކާއި ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި މީޑިއާ ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުޙިއްމު ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. އެގޮތުން، ރާއްޖޭގައި މިހާތަނަށް ކާމިޔާބުކަމާއެކު ހިންގާފައިވާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖަކީ ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގައި ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްގެން އަޅާފައިވާ ބްރިޖެކެވެ. އަދި އެނޫންވެސް ގިނަ މަޝްރޫޢުތަކެއް ޗައިންއިން ވަނީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރުވެސް ކުރިއަށް އެބަ ދެއެވެ.