ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދަތުރުފުޅާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، " މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ ގާތްގަޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި،" ކަމަށެވެ. 

ޗައިނާ ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހީ ހަމަޖެހިފައި ވަނީ، "ރާއްޖޭގައި ކަނޑައަޅާ ތަރައްޤީގެ އެކިއެކި ކަންކަމަށް، މަޝްރޫޢުތަކަށް ހޭދަކުރުމަށް. އޭގެތެރެއިން އެންމެބޮޑު އެއްޗެއް ޚަރަދުކުރުމަށް ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް،" ކަމަށާއި އަދި އޭގެއިތުރުންވެސް ގިނަ ކަންތައްތަކެއް މި ފައިސާއިން ފުއްދޭނޭ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ދާއިރާ، މަސްވެރިކަން ފުޅާކުރުމާއި ތަރައްގީ ކުރުމުގެ ދާއިރާ، ޑިޖިޓަލް އިގްތިސާދު ތަރައްގީ ކުރުމުގެ ދާއިރާ، ލޯ ކަރބަން ގްރީން އިކޮނޮމީ އިންވެސްޓްމަންޓް އިތުރުކުރުން، ޕަބްލިކް ސާވިސް މީޑިއާ ތަރައްގީ ކުރުން، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާއިން ސްކޮލަޝިޕްތައް ފޯރުކޮށްދިނުން، އިޤްތިސާދު ތަރައްގީ ކުރުން، ފުޑު ސެކިއުރިޓީ އާއި އެގްރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.