ވާދަވެރި، އިންސާފުވެރި މެޗެއް ކުޅެލާން ފުރުސަތު ލިބިއްޖެ ނަމަ، ވެރިކަން ބަދަލުކުރާން އެންމެ ފަސޭހައީ ހަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ސިފަކުރައްވާފަދަ ބަދަލު ކުޅުންތެރިއެއް ނެރެގެންނެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް އެމަނިކުފާނަށެވެ. އެއީ ކައިރި މާޒީން ފެންނާން އޮތް ނަތީޖާއެވެ. އަދި މިއީ ގިނަ ދިވެހީން ގަބޫލުކުރާ ހަގީގަތެވެ. ވޯޓުލާ ދުވަސް ކުޑަތަންވެއްޖެއެވެ. ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވަރުގަދަވާން ފަށައިފިއެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ވަރުގަދަ ކުރިމަތިލުމެއް ދާނޭކަމަށް ބެލެވެނީ، އިދިކޮޅު ބޮޑު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އިދިކޮޅު ކުޑަޕާޓީ، ދަ ޑިމޮކްރެޓްސްގެ ޒުވާން ކެންޑިޑޭޓް އިލްޔާސް ލަބީބާއި ސަރުކާރުގެ ބިޔަ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމް ހިމެނޭގޮތަށް މި 3 ކެންޑިޑޭޓުންގެ މެދުގައެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައްވެސް އުއްކަވަނީއެވެ. ބައެއްފަހަރު ބައިކޮޅަށް ގޯލުވެސް ޖައްސަވަނީއެވެ. ބަދަކުޅުންތެރީންގެ ވާހަކައަކީވެސް އެފަދަ ވާހަކައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ، އެމަނިކުފާނުގެ ޒަމާންވީ މިތުރު، އަދި މިވަގުތު ސިޔާސީ ގޮތުން އެންމެ ބޮޑު ހަތުރު ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި އެމަނިކުފާނުގެ އާ ސިޔާސީ ފިކުރު "ދަ ޑިމޮކްރެޓްސް"އަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް ރައީސް ނަޝީދަށް ވިދާޅުވަނީ، މިއުޅެނީ ކުޅޭކުޅޭ ކަމެއްގައި ނޫންކަމަށާއި ގައުމުގެ ވެރިކަމަށް މީހަކު ގެންނާން ކަމަށެވެ. ވެރިކަމަށް ވާދަކުރަންޏާ ފުލްޓީމެއް ގޮވައިގެން ވާދަކުރަން ޖެހޭކަމަށާއި ބަދަލު ކުޅުންތެރީން އަރުވައިގެން ވެރިކަމަށް ނާދެވޭނޭ ކަމަށެވެ.

"ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށް ވަންޏާ މިއުޅެނީ އޭ ޑިވިޝަނުގެ މެޗެއް. އިނގިރޭސިވިލާތުގެ ވެއްޖިއްޔާ ޕްރިމިއާ ލީގު މިކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ،" ރައީސް އިބްރާހީމް ވަކި ބޭފުޅެއްގެ ނަންފުޅު ބޭނުން ނުކުރައްވައި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓާއި އަދި ރައީސް ނަޝީދަށް ވައްބަހުން ޖެއްސެވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، "ފުލް ޓީމް ކުޅެން އަރަންވާނީ. އަޅުގަނޑުމެން މިތިބީ ފުލް ޓީމް އަރުވައިގެން،" ކަމަށެވެ.

މީގެ އިތުރުން، "އަޅުގަނޑުމެން މި އުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން. މީއަކީ ކުޅޭކުޅޭ ކަމެއް ނޫން. ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް،" ކަމަށާއި "މީ އަކީ އެތެރޭގެ އިންތިހާބެއް ނޫން،" ކަމަށްވިދާޅުވެ ވަރަށް ބޮޑަށް ރައީސް ނަޝީދަށާއި ޑިމޮކްރެޓުންނަށް އެމަނިކުފާނުގެ ބަހުގެ ހަމަލާތައް އަމާޒުކުރެއްވިއެވެ.

އަސްލުވާހަކައަށް ދަމާ ހިނގާށެވެ. 5 އަހަރު ދުވަހަކީ، ސިޔާސީ ގޮތުން މީހާ ކިތަންމެ ބާރުގަދަވިޔަސް، ޒަމާންވީ ގުޅުންތަކާއި، އަދި ބާރުތައް ތިމާއަށް ލިބުނުގޮތް ހަނދާން ނެތޭހާ މުއްދަތެއް ނޫނެވެ. ނަމަވެސް، ރައީސް އިބްރާހީމް ހަނދުމަފުޅު ނެތް ކަމަކީ، ޚުދު އެމަނިކުފާނަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ރައީސް ނަޝީދު ނެރުއްވި ކުޅުންތެރިއެއް ކަމެވެ. އެއީވެސް ހަމަ ވެރިކަމެއް ބަދަލުކުރުމަށެވެ. އާޚިރު ނަތީޖާއަކީ، ބޮޑު ބިޔަ ކޯލިޝަނަކާއެކު ނަމަވެސް، ރައީސް ނަޝީދުގެ ކޯޗުކަމުގެ ދަށުން އޭރު ނެރުނު ބަދަލު ކުޅުންތެރިޔާ ރާއްޖޭގެ އެންމެ ބާރުގަދަ މަގާމަށް ވަޑައިގަތުމެވެ.

ރައީސް އިބްރާހީމްގެ މި ވާހަކަފުޅުތަކާއި އަދި ޓެކުހާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ސިޔާސީ ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، ޑިމޮކްރެޓުންނާއި އަދި އެމްޑީޕީގެ ތެރޭންވެސް ގިނަ ބަޔަކު ރައީސްގެ ވާހަކަފުޅުތަކާ އެހާ އެހާ ގަޔައެއް ނުވިއެވެ. އެގޮތުން، ކުރީން އެމްޑީޕީ އަދި މިހާރު ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއެއް ފަރާތްތަކުން ބުނާ ގޮތުން، ރައީސް އިބްރާހީމަކީ 25 އަހަރު މަޖިލީހުގައި ހުންނެވި އިރުވެސް، ފުރަތަމަ ޑިވިޝަން ލެވެލްގައި ފެންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް އެންމެ ގާތް، ދުވަސްވީ މިތުރަށް ރައީސް ނަޝީދު ކުރެއްވި އިތުބާރެއްގެ ބޮޑުކަމުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެރުއްވައި، ވެރިކަން ހޯއްދަވައިދެއްވިއެވެ. ފޮނި އުންމީދުތަކަކާއެކު އެވެ، އެހެނަސް ވެރިކަން ލިބިވަޑައިގަތުމާއެކު ކުރީންދެއްކެވި ހުރިހާ ވާހަކައެއް ކެންސަލްވެ، އެންމެ ފަހުން ރައީސް އިބްރާހީމް، ރައީސް ނަޝީދަށް ލަނޑު ދެއްވީއެވެ.

ދެން އޮތީ ޓެކްސްގެ ވާހަކައެވެ. ރާއްޖޭގައި ޓެކްސް ނަގަންފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އަދި އޭގެ ކުރެޑިޓް މިވީހާ ދުވަހު، އެމްޑީޕީގެ މެންބަރުން ދެމުންއައީ، ނަޝީދަށެވެ. ނަމަވެސް، މީގެ ދެތިން ދުވަހެއް ކުރީން، ރައީސް އިބްރާހީމް ވަނީ، ވަރަށް ޒާތީ ވާހަކަފުޅެއް ކަމަށް ވިދާޅުވެ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކްސް ނަގަން ރައީސް ނަޝީދަށް ލަފާދެއްވީވެސް އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފަލްސަފާގެ ބައިވެރީން ސަރުކާރުން ނުކުތީ، މިހާރު އޮތް ވެރިކަމަކީ ކޮރަޕްޝަނާ ފަސާދައިގެ ހާއްޔެއްގެ ގޮތުގައި ރައީސް އިބްރާހީމްގެ ސަރުކާރު ސިފަކުރައްވަމުންނެވެ. އެމްޑީޕީގެ ވެރިކަމެއް ނަމަވެސް، މި ވެރިކަމުގައި ތިބީ، އެމްޑީޕީގެ ސިޔާސަތުތަކަށް ފާޅުގައި ދެކޮޅުހެއްދެވި، އަދި ކުރީގެ ސަރުކާރުތަކުގެ ޚިޔާނާތްތަކުގެ ބައިވެރީން ކަމަށް ބުނަމުންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މޭސްތިރީންވެސް ތިބީ ސަރުކާރާއެކު ކަމަށް ބުނަމުންނެވެ. އަދި ރައީސް އިބްރާހީމް ނޫންގޮތެއް ހޯދުމަށްކަމަށް ބުނަމުންނެވެ. އެހެންކަމުން އިންތިޚާބުގެ ފޯރި ހަމަ ހަގީގަތުގައިވެސް ގަދަވާނެއެވެ. 

ރައީސް އިބްރާހީމްގެ ފުރަތަމަ ޑިވިޝަން ފަލްސަފާއަށް ބަލާނަމަ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކޮށްލެވޭނެ ހުރީ އެންމެ ބޭފުޅެކެވެ. އެއީ ސިޔާސީ ދާއިރާގައި އެންމެ ދުވަސްވީ، އަދި ރިޔާސީ އިންތިޚާބުގެ ތަޖްރިބާވެސް އެންމެ ގިނަ ފަރާތްކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމެވެ. ގާސިމަކީ ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރެއްގައި ވެސް އޭގެ ބޮޑު ހިއްސާއެއް އަދާކުރައްވާ ބޭފުޅެކެވެ. ދެން ތިއްބެވީ، މިވަރުގެ މެޗެއްގައި ވާދަކޮށްލާން، އެހާ ވަރުގަދަ ނޫން ފަސް ވަރަކަށް ކުޅުންތެރީންނާއި، ރައީސް ވިދާޅުވާ ފަދަ، އެހެނަސް ހަގީގަތުގައި ބާރުގަދަ 2 ބަދަލުކުޅުންތެރީންނެވެ. އެއީ ޑރ. މުޙައްމަދު މުއިއްޒާއި އިލްޔާސް ލަބީބެވެ. ރައީސް އިބްރާހީމަށް ހަގީގީ ފައިޓެއް ދެވޭނެ ހަމަ އެކަނި ކުޅުންތެރިޔާއަށް މުބާރާތުގައި ވާދަކޮށްލުމުގެ ފުރުސަތު ދެއްވާން އެމަނިކުފާނަށް ކެރިވަޑައެއް ނުގަތެވެ. އެ ކުޅުންތެރިޔަކީ ޑރ. މުޢިއްޒަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވާދަކުރާން ފުރުސަތު ލިބުނު ސަބަބު ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް އިބްރާހީމް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރައްވާ، އިލްޔާސް ލަބީބު ވިދާޅުވަނީ، ރައީސް އިބްރާހީމް ހުނަރު ދައްކަވާލަން ބޭނުންފުޅުނަމަ، ރިޔާސީ ބަހުސަށް ވަޑައިގަތުމަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ، ރިޔާސީ ބަހުސުގައި ބައިވެރިވެވަޑައި ނުގަންނަވާން ރައީސް ވަނީ ނިންމަވައިފައެވެ. ރައީސަކަށް ހުންނަ ބޭފުޅެއްގެ ފެންވަރު، ރައްޔިތުންނަށް އެންމެ ރަނގަޅަށް އަންދާޒާ ކޮށްލެވޭނެ ޕޯޑިއަމަށް އަރައިވަޑައިގަންނަވާން ދެކޮޅު ހެއްދެވުމުންވެސް ގިނަ ބަޔަކު ދަނީ، ރައީސް އިބްރާހީމް މިހާ އަވަހަށް ބަލި ގަބޫލުފުޅުކުރައްވަނީތޯ ބުނެ ސުވާލުއުފައްދަމުންނެވެ.

ކޮންމެއަކަސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް އެންމެ ބޮޑު ޗެލެންޖެއް ދޭނޭކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ، ރައީސް ޔާމީންގެ ޕްރޮގްރެސިވް ކޯލިޝަނުންނާއި ރައީސް ނަޝިދުގެ ޑިމޮކްރެޓުންކަމަށެވެ. ރައީސް އިބްރާހީމް ވިދާޅުވާ ގޮތުންނަމަ، ބަދަލު ކުޅުންތެރީންނެވެ. ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ގޮތް ނިންމާނީ އަނެއްކާވެސް ރައްޔިތުންނެވެ.