ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތީ، ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުވާލުންތަކެއްގެ ތެރޭން ކަމަށާއި، އަދި އެތަކެއް ވަޢުދުތަކެއްވެ އެ ނުފުއްދައި "ދެވަނަ ދައުރެއް ތިމަންނައަށް ދޭށޭ، ތިންވަނަ ދައުރެއް ދޭށޭ، ކިޔާނެ ކަމެއް ނެތް،" ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މި ސަރުކާރު ގެނައި ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމަކީ، ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވާ، އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ޤާސިމް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެފައިވާ ކަމަށާއި، އަދި އެ ވައުދުތައް ވީ، އޭނާވެސް ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ އެހީއާއެކު ކަމަށެވެ. ނަމަވެސް އޭނާ ރައީސް އިބްރާހީމްގެ ސަރުކާރާ ފެއަށް ޖެހިވަޑައިގަންނާން މަޖުބޫރުވީ، ސަރުކާރުގެ ކޮންމެ ކަމެއްގައިވެސް ދޮގާ އޮޅުވާލުން އިންތިހާއަށް ދިއުމުން ކަމަށް، ވޭތުވެދިޔަ މާޒީގައި ސަރުކާރުތައް ބަދަލުކުރުމުގައި ބޮޑު ދައުރެއް ކުޅުއްވި ދިވެހީންގެ މަހުޖަނު ވިދާޅުވިއެވެ.

ރައީސް އިބްރާޙީމަށް އިޝާރަތްކުރައްވައި ޤާސިމް ވިދާޅުވީ، " ދޮގު ހަދައިގެން، ރައްޔިތުންނަށް ލުނބޯ ހުތް ޖަހައިގެން، ނޫނީ މާމުއި އަޅައިގެން ކަމަށްވިޔަސް، ފޮނި ރަހަ ލައްވައިގެން، މީހުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް، ވަޢުދުތައް ހަނދާން ނައްތާލާފައި، ކީހާ ފަރިހި ޅެމަށް ހައްދަވަން އުޅޭނެ ކަމެއް ނެތް،" ކަމަށެވެ.

އަދި ވައުދުތައް ނުފުއްދައި، "ދެވަނަ ދައުރު ތިމަންނަ އަށް ދޭށޭ، ތިންވަނަ ދައުރު ދޭށޭ، ކިޔާނެ ކަމެއް ނެތް،" ރައްޔިތުންނަށް ސަލާން ޖެހުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ސިފަކުރެއްވިއެވެ.