ރާއްޖޭގައި ކޭބަލްނެޓްގެ ޚިދުމަތް ދެމުން އަންނަ އެންމެ ގިނަދުވަސްވީ ކުންފުނި ކަމަށްވާ މީޑިއާނެޓުންގެ ޚިދުމަތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ލިބޭނޭގޮތް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މީޑިއާނެޓުން ބުންފައިވާ ގޮތުން މިހާރު އެ ކުންފުނީގެ އެމްއެސްލައިޓް އެމްއެސްޑީ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ ކުންފުނީގެ ކޭބަލްޓީވީގެ ޚިދުމަތް ހޯދޭނެއެވެ. އެގޮތުން ކުރާން ޖެހޭ ކަމަކީ، މީޑިއާނެޓްގެ އެޕް ޓީވީއަށް ނުވަތަ ފޯނަށް ޑައުންލޯޑްކޮށްލުމަށްފަހު، މީޑިއާނެޓްގެ ކުއިކްޕޭ މެދުވެރިކޮށް، ކޮންމެވެސް ޕެކޭޖަކަށް ސަބްސްކްރައިބް ކުރާންވީއެވެ.

ލޯކަލް ޗެނަލްތަކާއި ވީޑިއޯ ކްލަބް ހިމެނޭ އެމްއެސް ލައިޓް ނަގާނަމަ، މަހަކަށް ދައްކާން ޖެހެނީ 199ރުފިޔާއެވެ. 12 މަހަށް އެއްފަހަރާ ދައްކާނަމަ 1200 ރުފިޔާއެވެ. އަދި އެމްއެސްޑިޖިޓަލް ނަގާނަމަ މަހަކަށް ދައްކާން ޖެހެނީ 74 ރުފިޔާއެވެ. 12 މަހަށް ދައްކާން ޖެހެނީ 600 ރުފިޔާއެވެ.

މީޑިއާނެޓަކީ ޒަމާންތަކެއް ވަންދެން މޮނޮޕޮލައިޒް ކޮށްގެން ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް އެންމެ ފުޅާކޮށްދޭ ކުންފުންޏެވެ. މީޑިއާ ނެޓާ އެންމެ ވާދަވެރިކޮށް މިހާތަނަށް ކޭބަލްޓީވީގެ ޚިދުމަތް ދޭން ނުކުތީ، ދިރާގުންނެވެ. ނަމަވެސް، ބްރޯޑްކޮމްއިން ގަވައިދަށް ގެނައި ބަދަލަކާއެކު ދިރާގަށް ޖެހުނީ އެ ޚިދުމަތް ހުއްޓައިލާށެވެ. މިހާރު ދިރާގުގެ އެޚިދުމަތް ވަނީ އެސްއެސްނެޓްގެ ނަމުގައި ސަން ސިޔާމް ގްރޫޕުން ފަށައިފައެވެ. ނަމަވެސް، ޗެނަލްތައް ހޯދުމުގައި އެސްއެސްނެޓަށް މީޑިއާ ނެޓާ ގާތްކުރާވަރަށް ވެސް ޚިދުމަތްތައް ފުޅާ ނުކުރެވެއެވެ.