ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޝާން ޚައްތަރު މިވަނީ އޭނާ، ލޯބީގެ ގޮތުން މީހަކާ ގުޅިގެން ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް، އެއީ ކާކުކަމެއް އަދި މިކަމެއް ހިނގަންފެށީ ކޮންއިރަކު ކަމެއް ނުބުނެއެވެ. އަދި އިތުރު ތަފްސީލް ތައް އަދި ސިއްރެއްގެ ގޮތުގައި ބާއްވާން ބޭނުންކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާންގެ ފޭނުން ތިބީ، މި ނަސީބުވެރި މަންޖެއަކީ ކާކުކަން ދެނެގަތުމަށް ޝައުގުވެރިވެފައެވެ. އަދި ގިނަ ބަޔަކު ދަނީ އެބަޔަކަށް ޝައްކު ކުރެވޭ ފަރާތްތަކުގެ ނަން އިޝާނާ ގުޅުވަމުންނެވެ. 

ބައެއް ފޭނުން ގަބޫލުކުރާ ގޮތުގައި މިއީ އިޝާންއާއެކު މަސައްކަތްކުރާ އެކްޓްރެސްއަކަށް ވުން ގާތެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ބޭރުގެ މީހެކެވެ.

ޚައްތަރުގެ އަމިއްލަ ދިރިއުޅުމާ ދޭތެރޭގައި އޭނާގެ ފޭނުން ވަރަށް ބޮޑަށް ސަމާލުވެއެވެ. އަދި އޭނާގެ ޒާތީ ވާހަކަތަކެއް މިގޮތަށް ސޯޝަލް މީޑިއާގައި ތިލަކޮށްލުމުން، އޭނާގެ ފޮލޮވަރސްއަށް ވަނީ ޢީދެއް އައިސްފައެވެ. އިޝާންގެ ފޮލޮވަރުން ތިބީ މި ސިއްރު ލޯބީގެ އިތުރު އަޕްޑޭޓެއްގެ އިންތިޒާރުގައެވެ. 

މީގެ ކުރިން، މެލޭޝިއާގެ މޮޑެލެއް ކަމަށްވާ ޗާންދަނީ ބެއިންޒްއާ އިޝާނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. ނަމަވެސް އެކަން މިއިން އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ. ފަހަރެއްގައި ފޭނުންގެ ޝައުގުވެރިކަން ހުއްޓިގެން މިއުޅޭ، ސިއްރު ލޯބިވެރިޔާއަކީ، މިވަގުތު މުމްބާއީގައި ދިރިއުޅެމުންދާ ޗާންދަނީ ކަމަށްވުންވެސް ދުރެއް ނޫނެވެ.