މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އަވަހާރަވި، ސަމަރ ބްލޫ އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ޚިދުމަތަށް އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައިވާ، އެ ޚިދުމަތް ތަރައްގީކުރުމުގައި އަލަށް އެތައް ކަންތައްތަކެއް ތަޢާރަފްކުރެއްވި ޙަގީގީ މޭސްތިރިޔާކަމަށާއި، އެ މަރުޙޫމްގެ ޤައުމީ ޚިދުމަތުގެ ޒިކްރާ އާކުރާން ޖެހޭ ބޭފުޅެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރ ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ނައިބުރައީސް ވިދާޅުވީ، އިބްރާހީމް މަނިކުވަނީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށާއި، އަދި އެދާއިރާއިން މީހުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. 

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން މިއަދު ފެންނަމުންދާ ތަރައްޤީގައި އިބްރާހީމް މަނިކުގެ ޚިދުމަތް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި، މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އިބްރާހީމް މަނިކު ސިފަކުރައްވައިފައެވެ.

"އަބަދުވެސް ފާހަގަކުރެވުނީ އެއީ ކަމަށް ކަމޭ ހިތްތަވާއިގެން ޤައުމަށް އަދި ޒުވާނުންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގައި،" ނައިބްރައީސް ވިދާޅުވިއެވެ.

"ޤައުމަށް މިފަދަ މުހިއްމު ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ ޒިކުރާ ހަނދާންކޮށް އައު ކުރަންޖެހޭ." 

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ގިނަދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވިފަހުން ސަމަރ ބްލޫ އިބްރާހީމް މަނިކުއަވަހާރަވީ ޢުމުރުފުޅުން 72 އަހަރުފުޅުގައި އިންޑިއާގައެވެ.