ފާއިތުވި މޭ-ޖޫން މަހު ބޭއްވި އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރާން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބުނީ، އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ބުދަ ދުވަހު ހެނދުނު 9:00ގައި އަދި އައިޖީސީއެސް އިމްތިހާނުގެ ނަތީޖާ ބުދަ ދުވަހުގެ 10:00ގައި ސެންޓަތުތަކަށް ފޮނުވާން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ސްކޫލްތަކުން އިމްތިހާނު ހެދި ދަރިވަރުންނަށް މިހާރު ނަތީޖާ ދޫކުރަމުން ދާނެކަމަށާއި އަދި އަމިއްލަގޮތުން ހެދި ދަރިވަރުންނަށްވެސް ބުދަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން ނަތީޖާ ދޫކުރާން ފަށާފައިވާ ކަމަށެވެ.

"ޕްރައިވެޓްކޮށް ޑީޕީއީ އިން އިމްތިހާނު ހެދި ކެނޑިޑޭޓުންގެ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އަދި އެސް.އެސް.ސީ ނަތީޖާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން 13:30 އަށް،" އެ ޑިޕާޓްމަންޓުން ކަމަށް ޑީޕީއީން ވަނީ ބުނެފައެވެ.

ރާއްޖޭން މިއަހަރު އޯލެވެލް އިމްތިހާނުގައި، 6،106 ދަރިވަރަކުން ބައިވެރިވެފައިވާއިރު، އެ ދަރިވަރުންގެ ތެރޭން ނަތީޖާތައް އަލުން ޗެކްކުރާން ބޭނުންވާ ދަރިވަރުންނަށް ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް، އެ ދަރިވަރުން އިމްތިހާނުގައި ބައިވެރިވި ސެންޓަރު ތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޑިޕީއީން ވަނީ އިލްތިމާސްކޮށްފައެވެ.