މިއަހަރުގެ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުން ކަމަށެވެ.

އިސްލާމްދީނާއި، ޤައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތައް ހިންގަންފެށުން އެއީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.

ރައީސް ވިދާޅުވީ، ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަމަށެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަންވެސް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.