ކުދީންގެ ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް އެކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ.

މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30އިން 2023 ޑިސެންބަރު 2އަށެވެ.