ކޮރަޕްޝަންގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ، 11 އަހަރުގެ ޖަލުހުކުމް ފަސްކޮށް ނުދީ، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 5 މިލިއަންޑޮލަރުގެ ޖޫރިމާނާ ދެއްކުމުގެ ހުކުމް ތަމްފީޒުކުރުން ފަސްކުރާން ދިވެހިރާއްޖޭގެ ހައިކޯޓުން އަންއގައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ޖަލުހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް އިއްވާފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައެވެ.

މި ހުކުމާ ގުޅިގެން، ޚާއްސަކޮށް އެ ޖޫރިމަނާ ފައިސާއާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފައެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއާ ހެދި ކުރިއަށް ނުގޮސް އޮންނަތާ އެތައް ދުވަހެއް ފަހުން، މައްސަލަ ފަށާފައި މިވަނީ، ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނޭކަން ކަށަވަރުވީ ފަހުންނެވެ.

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި، ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށެވެ. ނަމަވެސް، ހައިކޯޓުން އަމުރުކޮށްފައި ވަނީ ހަމައެކަނި ޖޫރިމަނާ ފަސް ކުރުމަށެވެ. ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ، ހައިކޯޓުން އިސްތިއުނާފުގެ މައްސަލައާ މެދު ގޮތެއް ނިންމަންދެން، މި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުންވެސް، އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށެވެ.

ޖޫރިމަނާގެ އަދަބު ފަސްކުރާން ހައިކޯޓުން އަމުރުކޮށްފައި މިވަނީ، އެ ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މަދަނީ ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ސިޔާސީ ގޮތުން މިވަގުތު ރާއްޖޭގައި ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް ޔާމީނު ކަމަށްވާއިރު، އެމަނިކުފާނަށް މި އިންތިޚާބުގައި ވާދަނުކުރެވޭނޭކަން ކަށަވަރު ވުމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.