އިންޑިއާގެ ކަލްކަތާގެ އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި އަނިޔާވެރި ގޮތަކަށް ރޭޕްކޮށް މަރާލި ޒުވާން ޑޮކްޓަރުގެ ޢާއިލާއިން އެ ހިތްދަތި ހާދިސާއާ ގުޅިގެން، ތަހުގީގީ އިދާރާތަކުން މައްސަލައިގެ ހެކިފޮރުވައި، އެމައްސަލަ އޮއްބާލަން އުޅޭކަމަށް ތުހުމަތުކޮށް، އިންސާފުހޯދުމަށް އެހީތެރިވުމަށް ޢާންމުންގެ ކިބައިން އެދިއްޖެއެވެ.

ރޭޕްގެ ޝިކާރައަކަށްވި ޑޮކްޓަރުގެ މައިންބަފައިން އާދީއްތަ ދުވަހު ވަނީ، ކޮލްކަތާ ފުލުހުން ކުށް ފޮރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ޓްރެއިނީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ އުމުރުން 31 އަހަރުގެ އަންހެންކުއްޖާގެ މައިންބަފައިން ދަނީ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.

ތަހްގީގީ މަރުހަލާއާ މެދު ވަރަށް ބޮޑަށް މާޔޫސްކަން ފާޅުކޮށް، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑޮކްޓަރުގެ ބައްޕަ، ދާދި ފަހުން ބޭއްވި މުޒާހަރާއެއްގައި ވާހަކަ ދައްކަމުން ބުނީ، އެމީހުންނަށް ފަސޭހައިން އިންސާފު ނުލިބޭނެކަމަށާއި، އިންސާފު ހޯދަން ޖެހޭނީ ގަދަކަމުން ކަމަށެވެ.

މައްސަލައާ ގުޅިގެން މުޅި ގައުމު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޑޮކްޓަރުގެ އާއިލާއިން ވަނީ ފުލުހުން ހެކިއޮޅުވާލާން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެއާއެކު އާންމުންގެ ނުރުހުން ވަނީ އިތުރަށް ހޫނުވެފައެވެ.

ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރާ އަނިޔާތައް ހުއްޓުވުމަށާއި، އަދި އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައި، އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި، އަނިޔާވެރި ރޭޕްގެ ޝިކާރައަކަށްވި ޑޮކްޓަރުގެ ޢާއިލާއިން ވަނީ، މިއީ ހަމައެކަނި އެމީހުންގެ އަންހެން ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތަކެއް ނޫންކަމަށާއި، މިފަދަ ބޮޑެތި ޖަރީމާތަކުގެ ޝިކާރައަކަށްވާ އެންމެންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތަކެއް ކަމަށެވެ.