މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ. ދޭހާ އަތްވެއްގައި، ވެހޭހާ ވާރެއެއްގައި ގަދަވަޔާ ފިނީގައި، ރާއްޖޭގެ ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރީން ކުރާ ބުރަމަސައްކަތަށް ހަގީގީ މަންފާ ނުލިބޭ ވާހަކައަކީ އާންމު ވާހަކައެކެވެ. ސަރުކާރުތައް ބަދަލުކޮށްލަނީ ކޮންމެ ފަހަރަކުވެސް މަސްވެރީންނަށް ފޮނި އުންމީދުތަކެއް ދެމުންނެވެ. ހަމައަގު ހޯދައިދޭނޭކަމަށް ބުނަމުންނެވެ. ނަމަވެސް އެކަން ކުރާނޭ ގޮތެއް ކިޔައެއް ނުދެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޒުވާން ކެންޑިޑޭޓް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ، އެންމެ ފަހުން އެމްޑީޕީގައި ހުންނެވި އިރު ތައްޔާރު ކުރެއްވި މެނިފެސްޓޯއަށް، ސަރުކާރުން މަސައްކަތް ނުކުރެއްވީތީ، އަމިއްލަ ތަޖްރިބާގައި އެމަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މަސްވެރިކަމުން ދިވެހީންނަށް ފުރިހަމަ މަންފާ ލިބޭނޭގޮތް ހައްދަވައި ދެއްވާނޭ ކަމަށެވެ. އަދި އެކަން ކުރާނޭ ގޮތްވެސް ވިދާޅުވެދެއްވިއެވެ.

ރާއްޖެއަށް ބާނާމަސް ރޯމެޓީރިއަލްގެ ގޮތުގައި އިލްޔާސް ސިފަކުރެއްވިއެވެ. އަދި ރޯމެޓީރިއަލް އެހުރިގޮތަށް އެކްސްޕޯޓުކުރުމުން އޭގެ ހަގީގީ މަންފާ ނަގަނީ އެއިން އިތުރު ބާވަތްތައް އުފައްދާ ފަރާތްތަކުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި މަސްވެރީން ބާނާ މަހުން 10 ގުނަ ފައިދާ ނެގޭނެ ގޮތް އޭނާ ވިދާޅުވެދެއްވިއެވެ.

"ރާޖެއަށް ބާނާ މަސް މިދަނީ، ބާނާގޮތަށް އައިސް ކޮށްފައި ރާއްޖޭން ބޭރަށް. އެ ޕްރޮސަސްކޮށްފައި އެއިން މަންފާ ލިބޭނޭގޮތެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއީ ރޯމެޓީރިއަލެއްގެ ގޮތުގައި އެ ހުރިގޮތަށް ރާއްޖޭން ބޭރު މިކުރަނީ." އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގުދުރަތީގޮތުން ލިބޭންހުންނަ މުދަލެއް އެކްސްޕޯޓްކުރާއިރު، ރޯމެޓީރިއަލްގެ ގޮތުގައި އެ ހުންނަގޮތަށް އެކްޕޯޓް ކުރުމުން އޭގެ ފުރިހަމަ އަގު ނުލިބޭ ކަމަށާއި އެހެންކަމުން ރޯމެޓީރިއަލް ބޭނުންކޮށްގެން ޕްރޮޑަކްޓެއް އުފައްދާފައި އެ ބޭރުކުރުމުން އޭގެ އަގު 10 ގުނައަށް އިތުރުވާކަމަށެވެ.

"މަސް ބަންދުކޮށްފައި ނުވަތަ މަހުގެ ބާވަތްތައް ކާމޭޒުމައްޗަށް ތައްޔާރުކޮށްފައި އެރުވޭވަރަށް އަޅުގަނޑުމެން ރާއްޖޭން ބޭރުކުރީމައި އޭގެ 10 ގުނަ މަހުގެ އަގަށް އިތުރުވެގެންދޭ. އަޅުގަނޑުމެން ވެރިކަމަށް މިއަންނަނީ އެމަސައްކަތްކުރާން،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ، " މަސް ބާނާފަ، މަސް ގަނެފަ އެމަސް ޕްރޮސެސް ކުރުމަށް،" ކަމަށެވެ. މަސްވެރިކަން ކުރިއެރުވުމަށްޓަކައި "ގޭދޮށު މަސްފެކްޓަރީއެއް އަޅައި އެތަން ތަރައްގީކޮށް، އޭގެ މަންފާ މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް،" ކަމަށެވެ. "އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން."