ރައީސް ޔާމީން 5 އަހަރު ޖަލުގައި އެ ހުންނެވީ ޕީޕީއެމްގެ ލީޑަރޝިޕް އެގޮތަށް ބޭނުންވުމުން ކަމަށާއި، ރައީސް ޔާމީން ޖަލުން ނެރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވޭނީ ތިމަން މަނިކުފާނަށް ކަމަށާއި ޕީޕީއެމުން ދަ ޑިމޮކްރެޓްސްއާ ގުޅޭތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީނު ގެއަށް ގެނެސްދެއްވާނޭކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅަށް ދަ ޑިމޮކްރެޓްސްއިން ކުރަމުން ގެންދާ ރިޔާސީ ކެމްޕޭން ދަތުރުގެ ތެރޭން ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ޖަލުން ސަލާމަތް ވެވުނީ، އޭރު އެމްޑީޕީތެރޭން އެމަސައްކަތް ކުރުމުން ކަމަށާއި ނަމަވެސް ޕީޕީއެމް ތެރޭން ރައީސް ޔާމީން ސަލާމަތްކުރާން އެވަރުގެ މަސައްކަތެއް ކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަފެނޭ އަޅުގަނޑަށް ވީގޮތް، ބޮމަކާ ހިސާބުން އައިސް މިއަދާ ހަމައަށް. ދެން އުފެދޭ ސަރުކާރެއްގައި، ޕީޕީއެމްގެ މެންބަރުންނެއްވެސް ނޭދޭ، ރައީސް ޔާމީނަށް ދެރަގޮތެއް ވާކަށް. އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދުވެސް ރައީސް ޔާމީން ޖަލުން ނެރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވޭން އޮތީ އަޅުގަނޑުމެންނަށޭ. ޕީޕީއެމްއަކަށް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމަށް އެމަސައްކަތް ކުރެވޭ ނަމަ، ރައީސް ޔާމީން ޖަލުގައި ނުހުންނަވާނޭ ކަމަށެވެ. "ރައީސް ޔާމީން ފަސް އަހަރު މިދައުރު އެކީ ޖަލުގައި އެހުންނެވީ، މިއަދު ޕީޕީއެމްގެ ލީޑަރޝިޕްގައި އެތިއްބެވި އެތައް ބޭފުޅުންނެއް އެކަން އެގޮތަށް ވުމަށް އެދިވަޑައިގެން ތިއްބެވީތީވެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ޖަލުން ސަލާމަތްވެ ލުއި ލިބިގެން ދިޔައީ އެމަނިކުފާނާއެކު މިހާރުވެސް ތިއްބެވި އޭރުގެ އެމްޑީޕީގެ މެންބަރުން ބައިނަލްއަގްވާމީ ގޮތުންނާއި، އަދި މާލޭގެ މަގުމައްޗަށްވެސް ނުކުމެ ސަރުކާރަށް ކުރިމަތިކުރުވި ޕްރެޝަރުންކަމަށެވެ.

"ރައީސް ޔާމީނަށް އެލުޔެއް ނުލިބުނު. އެއީ އަޅުގަނޑު ދެކޭ ގޮތުގައި، އެމަސައްކަތް ނުކުރީމަ. އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، ތިބޭފުޅުން އަޅުގަނޑުމެންނާ އެކުގައި، މަސައްކަތްކުރުމަށް އެއްބަސްވެ ސޮއި އަޅާތާ ހަފްތާއެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ މާލޭ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެންވެސް ރައީސް ޔާމީނު ގެއަށް ގެނެސްދޭނަން،" ރައީސް ޔާމީނުގެ އެންމެ ބޮޑު ވާދަވެރިޔާ ޔާމީނުގެ ސަޕޯޓަރުންނަށް ޔަގީންކަން ދެއްވަމުން ވިދާޅުވިއެވެ.