ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އޭނާއަށް ވެރިކަން ހަވާލުކޮށްފި ނަމަ، މިޔަރު މަސްވެރިކަމަށް ރާއްޖޭގައި ޚާއްސަ ސަރަހައްދެއް ކަނޑައަޅައި ދެއްވާނޭ ކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މިޔަރު މަސްވެރިކަންކުރުން މަނާކޮށްފައިވާތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ.

އޭނާ ވިދާޅުވީ، ދިވެހި މަސްވެރީންނަށް ހައްގު މިންވަރަކީ، އަބަދު ދޮށީގެ މަސްވެރިކަން ކުރުން ނޫންކަމަށާއި، މަސްވެރިކަމުގެ އެހެން ގޮތްތައްވެސް ފަހިކުރެވިފައި އޮންނާން ޖެހޭނޭ ކަމަށެވެ.

"ވަކި ސަރަހައްދެއް ކަނޑައަޅާނަން އަހަރެއްގެ ހަތަރު މަސް ދުވަހު މިޔަރު ބޭނޭނޭ، އަދި ލޭނު މަސްވެރިކަމަށް ނުކުންނާނެ،" މަސްވެރީންނަށް ދޮށީގެ މަސްވެރިކަމުގެ އިތުރުންވެސް ނަފާހޯދޭނޭގޮތް ފަހިކޮށްދޭވާނޭ ކަމުގެ ވަޢުދާއެކު އޭނާ ވިދާޅުވިއެވެ.

"އުޖާލާ ޒަމާން" ޝިޢާރުގެ ދަށުން އުތުރުގެ އަތޮޅުތަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ރިޔާސީ ކެންޑިޑޭޓް ނަންބަރު 8 ވިދާޅުވީ، ދެން އޭނާގެ ކެމްޕޭން ދަތުރުތައް ހަމަޖެހިފައި ވަނީ، ރާއްޖޭގެ ދެކުނަށް ކަމަށާއި، އެގޮތުން މާދަމާ މ.ފ.ދ. ތ. އަދި ލ އަތޮޅަށް ދަތުރުތައް ފައްޓަވާނެ ކަމަށެވެ.