ދިވެހިރާއްޖެއަކީ މަސްވެރިކަން ކުރާ ގައުމަކަށް ވެފައި ރައްޔިތުންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އިންތިހާއަށް މިހާރު ދަށްވެފައިވާ ކަމަށާއި، އަދި ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ވެރިކަމުގެ ފުރަތަމަ ދުވަހު މަހުގެ އެންމެ ދަށް އަގަކީ ކިލޯއަކަށް 25ރ އަށް ހަމަޖައްސަވާނޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅު ގައްދޫގައި ހުކުރު ދުވަހުގެ ރޭ އޮތް ކެމްޕޭން ޖަލްސާގައި އިލްޔާސް ވިދާޅުވީ، ގައްދޫއަކީ މަސްވެރި ޢާއިލާތަކެއް ދިރިއުޅޭ ބޮޑު އާބާދީއެއް ކަމަށާއި ނަމަވެސް މަސްވެރިކަމުން ލިބޭ އާމްދަނީ މިހާރު އިންތިހާއަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓުންގެ ވެރިކަމެއް އަތުވެއްޖެ ނަމަ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނޭކަމަށް އޭނާ ވަޢުދުވެވަޑައިގެންނެވިއެވެ.

" މިގައްދޫގައި މަސްވެރިކަމުން އާމްދަނީ ހޯއްދަވާ ވަރަށް ގިނަ ފަރާތްތަކެއް އެބަ އުޅުއްވާ. މަހުގެ އަގު ތިރިކޮށްފި. މަސްވެރީންނަށް އެކަށޭނަ އާމްދަނީއެއް ނުލިބޭ. އާއިލާތަކަސް ލިބެމުން އައި މަހުގެ އާމްދަނީ ދައްވެއްޖެ. ތެލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ،" ގައުމުގެ އަދުގެ ހާލަތު ސިފަކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ، "އަޅުގަނޑުމެން މިއަންނަނީ މަސް ބާނާފަ، މަސް ގަނެފަ އެމަސް ޕްރޮސެސް ކުރުމަށް.  މި ގައްދޫގައި އަޅުގަނޑުމެން ބޭނުން މަސްވެރިކަން ކުރިއެރުވުމަށްޓަކައި ގޭދޮށު މަސްފެކްޓަރީއެއް އަޅައި އެތަން ތަރައްގީކޮށް، އޭގެ މަންފާ މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން،"

އިލްޔާސް ވިދާޅުވީ މަސްވެރީންނަކީ ރާއްޖޭގައި އެންމެ ބުރަމަސައްކަތްކޮށްގެން ހާމްދަނީ ހޯދާ ފަރާތްތަކަށް ވީހިނދުވެސް މަސްވެރީންނަށް ބޭންކުތަކުން ޚިދުމަތްތައް ހޯދުމުގައިވެސް ދަތިތަކެއް ދިމާވާކަމަށެވެ. ގޮތުން ކްރެޑިޓް ކާޑާއި އެނޫންވެސް ކްރެޑިޓް ފެސިލިޓީތައް ހޯދުމުގައި މަސްވެރީންނަށް ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އެ ހުރިހާކަމެއް ޑިމޮކްރެޓުން ހައްލުކޮށްދޭނޭކަމަށް ވިދާޅުވިއެވެ.