ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހު ގައްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބޮޑެތި ވަޢުދުތަކެއް ވެވަޑައިގެންފިއެވެ.

ރާއްޖޭގެ އެންމެ ހަގު ސިޔާސީ ޕާޓީން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓް ވިދާޅުވީ، ޑިމޮކްރެޓުން ރާއްޖެ މިހާރު އޮތް ދަތި ހާލަތުން ރަނގަޅު ހާލަތަކަށް ގެނެސްދޭނޭ ކަމަށެވެ. އެގޮތުން ގައްދޫއަކީ ރާއްޖޭގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށަކަށް ވާއިރު، މަސްވެރީންނަށް ލިބޭ އާމްދަނީ އިތުރުކުރާން ޑިމޮކްރެޓުންގެ ވެރިކަމެއްގައި ޚާއްސަ އިސްކަމެއް ދެއްވާނޭ ކަމަށެވެ.

" މިގައްދޫގައި މަސްވެރިކަމުން އާމްދަނީ ހޯއްދަވާ ވަރަށް ގިނަ ފަރާތްތަކެއް އެބަ އުޅުއްވާ. މަހުގެ އަގު ތިރިކޮށްފި. މަސްވެރީންނަށް އެކަށޭނަ އާމްދަނީއެއް ނުލިބޭ. އާއިލާތަކަސް ލިބެމުން އައި މަހުގެ އާމްދަނީ ދައްވެއްޖެ. ތެލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ" ގައުމުގެ އަދުގެ ހާލަތު ސިފަކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓުންގެ ސަރުކާރެއް އެކުލަވައިލެވިއްޖެ ނަމަ، މަހުގެ އެންމެ ދަށް އަގު 25 ރުފިޔާއަށް ކަނޑައަޅާނޭ ކަމަށެވެ. އަދި ގައްދޫގައި ގޭދޮށު މަސްފެކްޓަރީއެއް އަޅައި، މަސްވެރިކަމުން އިތުރު އާމްދަނީ ހޯދޭނޭ މަގުތައް އެރަށުގައި ތަނަވަސްކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ އިތުރުން، ފަތުރުވެރިކަންވެސް އެ ސަރަހައްދަށް އިތުރަށް ފުޅާކޮށް، ލޯކަލް ޓޫރިޒަމާއި ސަރފިންގ ޓޫރިޒަމްވެސް ގައްދުއަށް ގެނެސްދެއްވާނޭކަމަށް އޭނާ ވަޢުދުވެވަޑައިގެންނެވިއެވެ.

އިލްޔާސްގެ ކެމްޕޭން ވައުދުތަކުގެ ތެރޭގައި، ގައްދުއަށް މިހާރު ދިމާވެފައިވާ ސިއްހީ ޚިދުމަތުގެ މައްސަލަ ހައްލުކުރުމަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހައްދަވައިދެއްވާނޭކަމަށް ވެސް ވިދާޅުވިއެވެ.

ގދ. ގައްދޫއަކީ، އާބާދީގައި 4000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ބިމުގެ ގޮތުންވެސް ބޮޑު އަދި އިތުރަށް ބޮޑުކުރެވެން އޮތް ރަށެކެވެ. އެގޮތުން، ގައްދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ގދ. ގަން ގައްދޫގެ އިހްތިސާސްތެރެއަށް ގެންނަވާނޭ ކަމަށްވެސް ހުޅުދޫ ދާއިރާގެ މެންބަރު ވައުދުވެވަޑައިގެންނެވިއެވެ.