ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހީމް މުޙައްމަދު ދީދީ (ސިމްޑީޑީ)ގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތައާރަފްކުރި ބިއޯންޑް ޕްރިމިއަމް ލަގްޜަރީ އެއަރލައިންގެ ޓެސްޓް ފްލައިޓެއް އޯގަސްޓް 14 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކްއާއި ރާއްޖޭގެ ސިމްޑީ ގްރޫޕްގެ ބިއޮންޑް އެއަރލައިންގެ ފުރަތަމަ ފްލައިޓް މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އޯގަސްޓް 11 ވަނަ ދުވަހު ޔޫއޭއީގެ ދުބާއީން ރާއްޖެ ގެނެސްފައިވާ މި ބޯޓަކީ އެއަރބަސް އޭ-319 މަރުކާގެ ބޯޓެކެވެ.

މިއަހަރުގެ ފަހުކޮޅު މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއަހަރު މޭމަހުގެ ފަހުކޮޅުގައި ވަނީ، ބިއޮންޑް އެއަރލައިންގެ އޮފީހެއްވެސް މާލޭގައި ހުޅުވައިފައެވެ. އެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ، ސިމްޑީ ގްރޫޕްގެ ސީއީއޯ އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ.

ބިއޮންޑް ޕްރިމިއަމް ލަގްޒަރީ އެއަރލައިންގެ މާލޭ އޮފީސް ހުޅުވުން--

 

ސިމްޑީ ގްރޫޕުން މައުލޫމާތު ދޭގޮތުން، ބިއޮންޑް އެއަރލައިންގެ ޓެސްޓް ފްލައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ހޯމަ ދުވަހު މާލެއިން އައްޑޫއަށެވެ.

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޜަރީ އެއަރލައިންގެ ޚިދުމަތް ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާއިރު، ބިއޮންޑް އެއަރލައިނުން އަމާޒު ހިފާފައި ވަނީ، ޕެރިސް، ވިއެނާ، މިލާން، ދުބާއީ، ހޮންގް ކޮންގް، ޓައިޕޭ އަދި ސިންގަޕޫރު ހިމެނޭ ގޮތަށް ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުތައް ބޭއްވުމަށެވެ.