އާސަންދައިން ދިވެހީންގެ ބޭސްފަރުވާއަށް އެންމެ ބޮޑު ހޭދައެއް މިހާރު ކުރަމުން އަންނީ އަވައްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އަދި މިއީ އިންޑިއާގެ ހޮސްޕިޓަލްތަކަށްވެސް ވަރަށް ބޮޑު ފައިދާއެއް ލިބިދޭ ވިޔަފާރިއަކަށްވެސް ވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. ޚަރަދުތައް ކުރަނީ ބަލިމީހާގެ ސީދާ ޖީބުން ކަމަށް ނުވާތީ، ބައެއް ފަހަރު ކުރާން ނުޖެހޭ އޮޕަރޭޝަންތައް ކޮށް، އަދި އެނޫންވެސް ޚަރަދުތައް ފޮރުވުމެއްގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ހޯދާން މަޖުބޫރުކުރުވާ ވާހަކަ ބޭސްފަރުވާއަށް ދާ ދިވެހީން ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ވަކިދިމާއަކަށް ބަރޯސާވާން މަޖުބޫރުކުރުވާފައިވާ ދިވެހީންގެ ހާލަތު ބަދަލުނުކޮށް މިހާތަނަށް އޮތީއެވެ.

އާސަންދަ ވިޔަފާރިއަކީ މިހާރު އިންޑިއާގައި ވަރަށް މަޝްހޫރު އަދި ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަގުހުރި ވިޔަފާރިއެއްކަން އެންމެންވެސް ދަނެއެވެ. މިހާލަތު ބަދަލު ނުވެ އޮތީ، އެކަން ކުރާން ތިބި މީހުންގެ އިހުމާލުންކަންވެސް އެނގެއެވެ. ދިވެހީންގެ ބޭސްފަރުވާ، އެހެން ގައުމުތަކަށް ބަރޯސާ ނުވެ އަމިއްލަ ގައުމުގައި ތިބެގެން ކުރެވޭނޭ ފަދަ ވަސީލަތްތައް ގާއިމުކުރާން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ބިޔަ ބޮޑު ހޮސްޕިޓަލެއް ވެސް އެޅިއެވެ. ނަމަވެސް، މިއަދާ ޖެހެންދެން ވެސް އެތަން ރަސްމީކޮށް ނުހުޅުވައެވެ. މުޅި މި ސަރަހައްދުގައި ވެސް ހުރި އެންމެ ބިޔަ ބޮޑު، އަދި އެންމެ ފެންވަރު ރަގަނގަޅު ހޮސްޕިޓަލުގެ ހުވަފެން ދެކެމުން ރައީސް ޔާމީނު ވެރިކަމުގައި ބިނާކުރި "ދަރުމަވަންތަ ހޮސްޕިޓަލް" އަދާހަމައަށް ވެސް ހިންގަމުން އަންނަނީ އައިޖީއެމްއެޗްގެ "ދަރުމަވަންތަ ވިންގު"ގެ ނަމުގައެވެ.

ނަމަވެސް މިއަދު ހާލަތު ބަދަލުވަނީއެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު ކަންކުރެއްވި، އަދި ޔާމީނު ގެންގުޅުއްވި ގައުމީ ފިކުރާއެކު ވެރިކަމަށް ވަޑައިގަތް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިވަނީ، ދިވެހީންނަށް މިހާރު ލިބިދޭ ފެންވަރުދަށް ބޭސްފަރުވާގެ ޚިދުމަތް ބަދަލުކުރައްވާނޭކަން ޢިއުލާނުކުރައްވައިފައެވެ. އިނގިދާނެތާއެވެ.

ރާއްޖޭގެ ތަރައްޤީގައި މުޙިއްމު ދައުރެއް އަދާކުރަމުން އަންނަ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، ދަތުރުފުޅާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ޒަމާނީ ހޮސްޕިޓަލްތަކާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ ޚިދުމަތްތައް ޤާއިމުކުރެވެންދެންވެސް ދިވެހީންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނޭ މަގު ތަނަވަސްކުރައްވާނޭ ކަމަށެވެ. އެގޮތުން، އާސަންދައިގެ ދަށުން ބޭސް ފަރުވާގެ ހިދުމަތް ހޯދަން މިހާރު ދިވެހިން ދަތުރުކުރާ ޤައުމުތަކަށްވުރެ ފެންވަރުު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

"އަޅުގަނޑުމެން ނިންމާފައިވާނީ ކުރިއަށް އޮތްތާނގައި އާސަންދައަކީ ވަކި ދިމާލެއްގައި ހުންނަ ނުވަތަ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދަން،" އިންޑިއާގެ ނަން ނުގަތަސް އިންޑިއާއަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ "އޭގެ ބަދަލުގައި އެއަށްވުރެ ފެންވަރު ރަނގަޅު، ޔޫއޭއީ، ތައިލެންޑުފަދަ ޤައުމުތަކަށް ދެވޭގޮތަށް އާސަންދަ ފުޅާ ކުރާނަން" ކަމަށެވެ. 

މިއީ ހަމަ ހަގީގަތުގައިވެސް ބަދަލުކުރާން ޖެހިފައިވާ ކަމެކެވެ. ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ، ދިވެހި ދައުލަތުން ހެސްކިޔާފައި ޚަރަދުކޮށްގެން މީގެ ކުރީން ދިވެހީންނަށް ލިބެމުންދިޔަ ފެންވަރު ދަށް ޞިއްޙީ ޚިދުމަތް ބަދަލުކުރާން އެޅުއްވި ރަނގަޅު ފިޔަވަޅެކެވެ. 

ރާއްޖޭން ބޭރުން މީގެ ކުރީން އާސަންދަ ޚިދުމަތް ލިބެނީ ހަމައެކަނި ސްރީ ލަންކާއާއި އިންޑިއާއިންނެވެ. އިންޑިއާއަކީ ދުނިޔޭގެ ފެންވަރުގައި ސިއްޙީ ޚިދުމަތް ކުރިއަރާފައިވާ ޤައުމެކެވެ. ނަމަވެސް، މިހާރު އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހީންނަށް، ޚާއްސަކޮށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޚިދުމަތުގެ ފެންވަރު ދަށް ވާހަކަ އެންމެވެސް ދައްކައެވެ. ނަމަވެސް އެނޫން އެހެން ގޮތެއް ނެތީމާ ދިވެހީންނަށް މިހާތަނަށް އޮތްގޮތަކީ އެގޮތް ގަބޫލުކޮށްގެން ތިބުމެވެ. އެހެންކަމުން ސަރުކާރުގެ މި ނިންމުމާއެކު އަވައްޓެރީން ދިވެހީންނާ މެދު ދެކެމުން އައި ވިސްނުން ބަދަލުކުރާނޭކަން ޔަގީނެވެ. 

ދިވެހީންނަށް އެންމެ އެދެވޭ ހައްލަކަށް ވާނީ، ތައިލެންޑާއި ދުބާއީން ބޭސްފަރުވާ ކުރުމެއްވެސް ނޫނެވެ. ހުރިހާ ވަސީލަތްތަކެއް ހަމަކޮށް، ދުނިޔޭގެ ފެންވަރުގައި ވީހާވެސް އަވަހަކަށް ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާންވީއެވެ. މިފަދަ އިތުރު ހޮސްޕިޓަލްތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައިވެސް ގާއިމުކުރާންވީއެވެ. އަދި ބޭރުގެ ގައުމުތަކަށް ދަތުރުކުރުމަށާއި ތިބުމަށް ކުރާ ހޭދަ ރާއްޖެއަށް ބަދަލުކުރާންވީއެވެ. ހުރިހައިކަމެއްގައި އެހެން ގައުމުތަކަށް ބަރޯސާވުމުގެ ވައްޓަފާޅި ދޫކޮށްލައި، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރާންވީއެވެ.