އަވައްޓެރި އިންޑިއާއަކީ، ބޭސްވެރިކަމުގެ ސިނާޢަތުގައި އަހަރެމެން ދިވެހީން ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އިވެމުން ދަނީ ކަންބޮޑުވާ ވާހަކަތަކެކެވެ. އަހަރެމެންވެސް މިކަމާ ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ، އިޢާދަނުކުރެވޭވަރުގެ ބޮޑު ބިރުވެރިކަމެއް، ޢާންމު ޞިއްހަތަށް ކުރިމަތިވެދާނޭ ކަމެއްގެ ވާހަކަތަކެވެ. އެހެނީ، އާދައިގެ ހުމާއި އަރިދަފުސްރޯގާ ފަދަ ބަލިތަކަށް ބޭނުންކުރާ ޕެރަސެޓަމޯލާއި ސެޓިރިޒީން ފަދަ ޑޮކްޓަރީ ބޭސްފަރުވާގެ މަޝްހޫރު މާއްދާތައް ހިމެނޭ ގޮތަށް އާންމުކޮށް ބޭނުންކުރާ 156 ބޭހެއް އިންޑިއާ ސަރުކާރުން މިވަނީ މަނާކޮށްފައެވެ. އިންޑިއާގެ ސިއްޙީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ބޭސްތަކަކީ ސިއްޙަތަށް ގެއްލުންހުރި ނުވަތަ، ފައިދާއެއް ނުކުރާ ބޭކާރު، ނުވަތަ އޭގެ ސަބަބުން އެންޓިބަޔޮޓިކް ރެސިސްޓެންސަށް މަގުފަހިވެދާނެ ބާވަތްތަކެކެވެ. ކީއްވެހެއްޔެވެ؟ ބޭހުގެ ފެންވަރު ދަށްވުމާއި، ރަނގަޅު މާއްދާތައް ބޭނުން ނުކުރުމާއި އުފެއްދުމުގައި އަޅާންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމާއި، ފުރިހަމަކުރާން ޖެހޭ މިފަދަ ހުރިހާ މިންގަނޑުތަކެއް ފުރިހަމަ ނުވުމެވެ.

މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުން، އިންޑިއާގެ ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ، ބާޒާރުގައި މިވަގުތު ހަލުއިކަމާއެކު ވިކެމުންދާ، މަލްޓިވިޓަމިންގެ 34 ބާވަތެއްވެސް ރިވިއުކުރަމުންނެވެ. މިއީ ކޮން ބާވަތްތަކެއްކަން ހާމައެއް ނުކުރެއެވެ. ނަމަވެސް، ޑޮކްޓަރީބޭހުގެ ޤަވާއިދުތަކާ ބެހޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުތަކަށް ބަލާއިރު، މި މަލްޓިވިޓަމިންތައް ވެސް އިތުރަށް ދިރާސާކުރެވެމުން ދަނީ މަނާކުރެވިފައިވާ ބޭސްތަކާ އެއްފަދަ ސަބަބުތަކަކަށްޓަކައެވެ. އެއީ ޞިއްޙީގޮތުން ނުރައްކާތައް ކުރިމަތިވެދާނެ، ތެރަޕިއުޓިކް ޖަސްޓިފިކޭޝަނެއް ދެވިފައި ނުވާ، ނުވަތަ ރައްކާތެރި ނޫން އަދި ޞިއްޙީ ގޮތުން މާބޮޑު ފައިދާއެއް ނުލިބިދާނެ ފަދަ ކަންބޮޑުވާންޖެހޭ މާއްދާތަކެއް މީގެ ތެރޭގައި ހުރުމުގެ ސަބަބުންނެވެ.

މަނާކުރީ ތަޖުރިބާކާރުންގެ ޚާއްސަ އިރުޝާދާއެކު:

ފެންވަރުދަށް، އަދި ޢާންމު ސިއްޙަތަށް ގެންލުންދެނިވި މާއްދާތައް ހިމެނޭކަމަށް ބެލެވިފައިވާ މި ބޭސްތައް ވިއްކުމާއި، އަދި ބޭނުންކުރުން ހުއްޓުވައި، ވަގުތުން ފިޔަވަޅުތައް އަޅައި އެ ނިންމުމަށް އަމަލުކުރާން ފެށީ، އިންޑިއާ ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކާއި އަދި ސިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށެވެ. އިންޑިއާގެ ޑްރަގްސް ޓެކްނިކަލް އެޑްވައިޒަރީ ބޯޑުން ބުނެފައި ވަނީ، މަނާކުރި ބާވަތްތަކުގައި ހިމެނޭ މާއްދާތަކާ ގުޅޭގޮތުން، އެ އުފެއްދި ފަރާތްތަކަށް ތެރަޕިއުޓިކް ޖަސްޓިފިކޭޝަނެއް ދެވިފައި ނެތްކަމަށެވެ. އަދި އެ ބާވަތްތަކުގެ ސަބަބުން އިންސާނުންނަށް ނުރައްކާވެދާނެކަމަށް ބެލެވޭ ކަމަށެވެ. މިއީ އިންޑިއާގައި ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާފައިވާ މުޙިއްމު ފިޔަވަޅުތަކެކެވެ.

ޢާންމުންގެ ކަންބޮޑުވުން އިންތިހާ:

ފެންވަރުދަށް، އަދި އިންސާނުންގެ ސިއްޙަތަށް ގެއްލުންހުރި ބޭހުގެ ބާވަތްތަކެއް މަނާކުރުމުންވެސް، ބޭސްއުފައްދާ ފަރާތްތަކުން ތިބީ މިކަމާ ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށްވެއެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން، ބޭސްވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ކުރާނޭކަމަށް ވެއެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން ނިންމީ މިއީ އާންމު ސިއްހަތު ރަނގަޅު ކުރުމަށް ކޮންމެހެންވެސް އަޅާން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިންޑިއާ ސަރުކާރުގެ މި މުޙިއްމު ނިންމުމަށް، ސިއްހީ މާހިރުންގެ ބޮޑު ތާޢީދެއް ދަނީ ލިބެމުންނެވެ. ނަމަވެސް، ފާޑުކިޔާ ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ، މިއީ ފާމަސީތަކުން އަގުހެޔޮކޮށް ލިބެންހުންނަ މިފަދަ ބޭސްތައް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިކުރުވާނޭ ފިޔަވަޅެއްގެ ގޮތުގައެވެ. މީގެ ޖަވާބުގައި އިންޑިއާ ސަރުކާރުން ދޭ ރައްދަކީ، މަނާކުރި ބޭސްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އަގުހެޔޮ އެހެންބާވަތްތައް މިހާރުވެސް މާކެޓްގައި އެބަ ހުރި ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް ހަރުދަނާ އަދި ރައްކާތެރި ގޮތްތައް އިޙްތިޔާރުކުރާން ޖެހޭ ކަމަށެވެ.

ބޭސްވެރިކަމުގެ ސިނާޢަތަށް އިޤްތިޞާދީ ލޮޅުމެއް:

އިންޑިއާގެ ބޭސްވެރިކަމުގެ ސިނާޢަތުން ވަނީ ޢާންމުކޮށް ބޭނުންކުރާ އެތައް ބޭހެއް މިގޮތަށް މަނާކުރުމުގެ ސަބަބުން، އެފަރާތްތަކަށް މާލީ ގޮތުން ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި އުފެއްދުންތައް އެފަރާތްތަކުގެ ޕޯޓްފޯލިއޯއިން އުނިކުރުމުން ބައެއް ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭކަމަށް އެފަރާތްތަކުން ބުނެއެވެ.

އެހެނިހެން ހައްލުތައް ހޯދާނެ:

ހުމާއި ރޯގާ އަދި އެލާޖީ ފަދަ ބަލިތަކަށް ޢާންމުކޮށް ބޭނުންކުރާ އެތައް ބޭހެއް މިގޮތައް ކުއްލިއަކަށް މަނާކުރުމުން އޭގެ ބަދަލުގައި ހޯދޭނޭ އެހެން ފަރުވާތަކެއް ނެތިދާނެތީ މިއީ ޢާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މަނާކުރި ބޭސްތަކުގެ ތެރޭގައި ޕެރަސެޓަމޯލް އާއި އެކު އެސެކްލޮފެނެކް ފަދަ މަޝްހޫރު ތަދު ފިލުވާ ބޭސްތައް ވެސް ހިމެނެއެވެ. މިކަމަށް ސަރުކާރުން ދޭ ޔަގީންކަމަކީ، އެ ބޭސްތަކުގެ ބަދަލުގައި، ސަލާމަތާއި ރައްކާތެރި، އެހެން ބޭސްތައް ލިބޭނޭކަމުގެ ޔަގީންކަމެވެ. ބަލި މީހުންނަށް އެކަށީގެންވާ ގޮތްތަކެއް ހޯދުމަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށް، ފުރިހަމަ ޙައްލެއް ހޯދައިދޭނޭކަމެވެ.

ހަރުދަނާ ފިޔަވަޅުތަކެއް. 156 ބޭހެއް މަނާކޮށް، ބޭސްވެރިކަމުގެ ސިނާޢަތު ރަނގަޅުކުރާން ކުރާ މަސައްކަތަށް ތަޢުރީފު ޙައްޤު-- އަސްލު ފޮޓޯ

 

ސަރުކާރުގެ ވަޢުދަކީ ޢާންމު ޞިއްޙަތު ރަނގަޅުކުރުން:

ބޭސްވެރިކަމުގެ ސިނާއަތަށް ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް، ސަރުކާރުން ނިންމާފައި ވަނީ، މި ހަރުކަށި ފިޔަވަޅުތަކާއިގެން ކުރިއަށް ދިއުމަށެވެ. އެގޮތުން، ފެންވަރުދަށް ބޭސްއުފައްދާ ކުންފުނިތަކަށް ލިބިދޭ ވަގުތީ ބޮޑު މާލީ ފައިދާއާއި، އޭގެ ސަބަބުން ލިބިދޭ ކުރު މުއްދަތުގެ އިގްތިސާދީ މަންފާއަށް ވުރެ، ޢާންމު ސިއްހަތު ރަނގަޅު ކުރުމުގެ ސަބަބުން ދިގު މުއްދަތަކަށް ލިބޭ ފައިދާ ބޮޑު ކަމަށް އިންޑިއާ ސަރުކާރުން ޤަބޫލުކުރެއެވެ.

ރަނގަޅުކުރުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް:

ތަޖްރިބާކާރުން ދެކޭގޮތުގައި، މިއީ އިންޑިއާގެ ބޭސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، އަދި އިންޑިއާގެ ބޭހުގެ ބާޒާރު ގަވާއިދުތަކާ އެއްގޮތަށް މި ސިނާއަތު ބައްޓަންކުރަން އެޅުނު ވަރަށް މުޙިއްމު ފިޔަވަޅެކެވެ. އަދި ހަމަ އެހެންމެ، އިންޑިއާ ސަރުކާރުން އެގައުމުގެ އަދި ބައިނަލްއަޤްވާމީ ބޭހުގެ ސިނާޢަތަށް ވެސް ދޭން ބޭނުންވާ މެސެޖަކީ، އިންޑިއާގައި ފެންވަރުދަށް، ނުވަތަ އެއިން ސިއްހަތަށް ގެންލުންދެނިވި މިފަދަ ބޭސްތައް ވިއްކުމުގެ ފުރުސަތު ސަރުކާރުން ނުދޭނޭކަމެވެ.

ކަންކުރެވޭނީ ހިތްވަރު ހުރެގެން:

ފެންވަރުދަށް ބޭސް ކޮންޓްރޯލްނުކުރެވިގެން މިއުޅެނީ އަހަރެމެންގެ ރާއްޖެއަށެވެ. އެއީ ވިޔަފާރިވެރީންގެ މަސްލަޙަތު އިސްކުރާތީއެވެ. އިންޑިއާ ސަރުކާރުން މިވަނީ، މުޙިއްމު ކަމެއްގައި ކެރިގެން ފިޔަވަޅު އަޅައިފައެވެ. ބޭސްވެރިކަމުގެ ސިނާއަތުގައި އެންމެ ޢާންމުކޮށް ބޭނުކުރާ ބޭސްތައް ހިމެނޭގޮތަށް 156 ބޭހެއް މަނާކުރުމަކީ އިންޑިއާ ސަރުކާރުން އެޅި ހަތްވަރުގަދަ ފިޔަވަޅެކެވެ. ބޭސްވެރިކަމުގެ ސިނާޢަތަށް ކިތަންމެ ބޮޑު ހީނަރުކަމެއް އައި ނަމަވެސް، މިއީ، ވިޔަފާރީގެ މަސްލަޙަތަށްވުރެ، ޢާންމު ސިއްޙަތަށް އިސްކަންދޭނޭކަމުގެ އުފާވެރި ފެހި ސިގްނަލެވެ. އެހެނީ، އިންޑިއާ ސަރުކާރުގެ މި ހިތްވަރުގަދަ ނިންމުމުގެ ސަބަބުން، ކުރު މުއްދަތުގައި ބައެއް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، މީގެ ސަބަބުން ދިގު މުއްދަތަކަށް ލިބޭ ފައިދާ އިންތިހާއަށް ބޮޑުވާނެތީއެވެ.