އެމްޓީސީސީއާ ހަވާލުކޮށްގެން ހއ. ހޯރަފުށީގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 11 މަގެއްގައި ތާރުއަޅައި ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މިހާރު 11 މަގެއްގައި ތާރުއަޅައި ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ފިނިޝިންގ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ.

އާބާދީގައި 3500 ވަރަކަށް މީހުން ދިރިއުޅޭ ހޯރަފުށީގެ މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 71.9 މިލިއަން ރުފިޔާއަށެވެ. އެގޮތުން މިހާތަނަށް މި މަސައްކަތުގެ ދަށުން 5.3 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން މިހާރު ކުރަމުން އަންނަނީ، ޕޭވްމަންޓް ނުހަދާ ހުރި މަގުތަކުގައި ގާއެތުރުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރ ހަރުކޮށް ނިޝާންތައް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.