މިހާތަނަށް ދިވެހީންގެރާއްޖޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ރަސްމާލެ"އާއި މާލެއާ ދެމެދުގައި ކަނޑުއަޑީގެ ބިންގަރާސް މަގެއް ހަދައި ދެ ސިޓީ ގުޅާލުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ( ބައިއިލެކްޝަން) މޭޔަރ އަދި 3 ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގައި ހޯމަދުވަހުގެ ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ، އެފަދަ ޓަނަލެއް ގާއިމް ކުރުމުގެ ގާބިލްކަން ހުރި އެކި ފަރާތްތަކާ މަޝްވަރާކޮށް، ފީޒިބިލިޓީގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިކަން ކުރިއަށްދަނީ ފޭރާން ހެޔޮ ސިޔާސަތެއްގެ ދަށުންކަން ފާހަގަކުރައްވައި "އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް، އެތައް މިލިއަން ޓުއަރިސްޓުން އިތުރު ވެގެން ދާނެ މަޝްރޫއަކަށް،" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މާލެއާ ގާތްގަނޑަކަށް 10 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ފަޅުގައި މިހާރު ހިއްކަމުން ގެންދާ ރަސްމާލެއަށް، ސްޕީޑް ބޯޓެއްގައި ދާނަމަ 15 ވަރަކަށް މިނިޓްގެ ދަތުރެއް ކުރާން ޖެހޭނެއެވެ. 

ދުނިޔޭގައި މިހާތަަނަށް ގާތްގަނޑަކަށް 200އެއްހާ އަންޑަވޯޓަރ ޓަނެލް ގާއިމުކޮށްފައި ވާއިރު، އޭގެ ތެރޭން ފާހަގަކޮށްލެވޭ އެންމެ ދިގު ޓަނަލަކީ، ޖަޕާނުގައި 1988ގައި ހުޅުވި 53.8 ކިލޯމީޓަރުގެ ސެއިކަން ޓަނަލެވެ. އަދި މީގެ އިތުރުން، ފްރާންސާއި އިނގިރޭސިވިލާތް ގުޅުވާލަދޭ 50.4 ކިލޯމީޓަރުގެ ދިގު ޗެނެލް ޓަނެލާއި، އޮސްޓްރޭލިއާގައި ގާއިމުކޮށްގައިވާ 2.8 ކިލޯ މީޓަރުގެ ދިގު ސިޑްނީ ހާބަރ ޓަނެލަކީ މިފަދަ ފާހަގަކޮށްލެވޭ މަޝްރޫޢުތަކެވެ. 

ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ، 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.