ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ރަސްމާލެ ހިއްކަން ފެށުމުން ރައީސް ޑރ. މުއިއްޒުގެ ލީޑަރޝިޕާއި މެދު އަޅުގަނޑުވެސް ހަމަ "އިމްޕްރެސް" ވިއެވެ. އަދި، ބިއްލޫރި ޓަނަލަކުން މާލެއާއި ރަސްމާލެ ގުޅާލައި، އެ ބިއްލޫރި ޓަނެލް ތެރެއިން ރޭލުގައި ދަތުރު ކުރެވޭ ގޮތަށް މިދައުރު ނިމުމުގެ ކުރިން ހައްދަވާނެ ކަމަށް ރައީސް ވިދާޅުވުމުން އަޅުގަނޑު އަދި މާބޮޑަށް "އިމްޕްރެސް" ވިއެވެ. ދެން އަޑު އިވުނީ އުތުރު ތިލަފަޅުގައި ދެލައްކަ މީހުންގެ އާބާދީ އަކަށް ވާވަރަށް ކާނާ އުފައްދާނެ ދަނޑުވެރިކަމުގެ ސިނާއަތެއް ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަ އެވެ. އަޅުގަނޑުގެ ފައި ބިމުގަ ވެސް ނުޖެހެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އިންޑިއާއަށް ގޮންޖައްސަވައި، ކާޑުގެ ބާވަތްތައްވެސް އިންޑިއާ ނޫން ޤައުމުތަކުން ގެންނާނެ ކަމަށާއި، ޑޮކްޓަރީ ބޭސްވެސް ޔޫރަޕާއި އެމެެރިކާއިން ގެންނާނެ ކަމަށާއި، އާސަންދަވެސް ދިވެހީންނަށް ދެން ދޭނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ތައިލޭންޑުން ކަމުގައި ރައީސް ވިދާޅުވިއެވެ. އޭރު އަޅުގަނޑުގެ ފައި ބިމުން ކަޓައިގެން ގޮސް ވިލާތަކުގެ މައްޗަށް އަރައިފިއެވެ.

ދެން އަޑު އިވުނީ ރާއްޖޭގެ ކަނޑުގެ އެތައް ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދު އިންޑިއާގެ އެހީތެރިކަމާއި ނުލައި، ދިވެހި ސިފައިންގެ ނޭވީ އާއި އެއާރފޯރސްއިން ބަލަހައްޓާގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އަޑެވެ. ވަރަށް ފުރިހަމައެވެ. ތިލަމާލެ ބްރިޖް ނިންމައި، ތިލަފުށީގައި ބޮޑު ސިންގާ ބަނދަރެއް ހަދައި، ރަސްމާލެ ނިންމައި، ބިއްލޫރި ޓަނެލް ކަޑު އަޑިން އަޅާ ވާހަކައެވެ. އައްޑޫ ސިޓީގެ ހިތަދޫއިން ހުޅުމީދޫއަށް ބްރިޖަކުން ގުޅާލައި، ހައިވޭގެ އިތުރުން އެ ދެރަށް ދޭތެރޭ، ބްރިޖު މަތީގައި މޮނޯ ރެއިލް ޓްރެކެއް އަޅައި، ހިތަދޫއިން ހުޅުމީދޫ އަށް ރޭލުގައި ދެވޭ ގޮތަށް މިދައުރުތެރޭ ހައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާލުވެއްޖެއެވެ. އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ހަމަ ފުމެ ނަގަނީ އެވެ.

މިހުރިހާ ވާހަކަ އަކަށް ވުރެ ވެސް އަޅުގަނޑު ހައިރާން ވީ މިދިޔަ އަންގާރަ ދުވަހު ހުވަދު އަތޮޅު ދެކުނުބުރި، ނުވަތަ ގދ އަތޮޅަށް ވަޑައިގެން، އެއަތޮޅުގެ ވެރިކަން ކުރާ ތިނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައްޓާލެއްވި އިގްތިސޯދީ ބޮޑު "ބޮމުން" ނެވެ! ތިނަދޫ ފަޅު ހިއްކައިގެން ބައިނަލްއަޤްވާމީ އެއާރޕޯރޓެއް އަޅުއްވަން ނިންމެވި ވާހަކައެވެ. މައްސަލައަކީ ތިނަދޫގައި އެއާރޕޯރޓެއް އެޅުމެއް ނޫނެވެ. އެކަން ކުރަން ނިންމެވި ގޮތެވެ.

ފުރަތަމަ ކަމެއްގެ ގޮތުން އިންސާނަކު އަންތަރީސް ވާ ވަރުގެ މި ނުކްތާއަށް ވިސްނާލައްވާށެވެ! ތިނަދޫ އާއި ހަތަރު ވަރަކަށް ކިލޯމީޓަރ ކައިރީގައި މިހާރު ވެސް އެއާރޕޯރޓެއް އެބައޮތެވެ. އެއީ ކާޑެއްދޫ އެއާރޕޯރޓެވެ. ކާޑެއްދޫ އެއާރޕޯރޓް އޮތީ ސްޕީޑް ލޯންޗްގައި ފަސްވަރަކަށް މިނިޓުގެ ދަތުރަކުން އެތަނުން ތިނަދޫއަށް ދެވޭހާ ކައިރީގައެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ތިނަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވި ބަސްކޮޅު ވިދާޅުވެލައްވާށެވެ:

"ކާޑެއްދޫ އެއާރޕޯރޓަކީ، ސާފުކޮށް މިދަންނަވަނީ، އިންޓަރނޭޝަނަލް އެއާރޕޯރޓެކޭ. އެއެއާރޕޯރޓާއި ތިނަދޫއާއި އެއްގަމު މަގުން ގުޅާލެވޭނެ ކޯސްވޭއެއް، ބްރިޖެއް، އިރާދަކުރެއްވިއްޔާ (އަޅުގަނޑުގެ ވެރިކަމެއްގައި) ޤާއިމް ކުރެވިގެން ދާނެ. އެގޮތުން ތިނަދޫއިން ކާޑެއްދޫ އަށް މި ބްރިޖުން، ފަސޭހަކަމާއި އެކު ދަތުރުކުރެވޭނެ ގޮތް ޤާއިމްވެގެން ދާނެ!"

މިހާސާފުކޮށް މިކަން އޮތުމުން، މިދިޔަ އަންގާރަ ދުވަހު ރައީސް ތިނަދޫއަށް ވަޑައިގަތުމުން ތިނަދޫ ރައްޔިތުން ހީކޮށްގެން ތިބީ ތިނަދޫ އާއި ކާޑެއްދޫ ގުޅާލާ ބްރިޖު މަޝްރޫއު ރައީސް އެދުވަހު ރަސްމީކޮށް އިފްތިތާހް ކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކާގައި ކުއްލިއަކަށް ވިދާޅުވީ ކާޑެއްދޫ އެއާރޕޯރޓު އޮތްތާގައި ބާއްވާފައި، ތިނަދޫ ފަޅު ހިއްކައިގެން ކޯޑް-އެފް ގެ، ބައިނަލްއަޤްވާމީ ބިޔަ އެއާރޕޯރޓެއް ތިނަދޫގައި ހަދަން ތައިލޭންޑުގެ ކުންފުންޏަކާއި އެކީ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރައްވާ ވާހަކަ އެވެ. އަދި އެ އެއަރޕޯރޓުގެ ޓާމިނަލް ހުންނާނީ ވޯޓަރބަންގަލޯ ސްޓައިލަށް، ފެނުން މަތީގައި ކަމަށާއި، އެތާގައި ޕައިލެޓުން ތަމްރީނު ކުރާނެ ފްލައިންގ ސްކޫލަކާއި، ކާގޯ ބިލްޑިންގތަކާއި، ތެޔޮ ރައްކާކުރާނެ ފިއުލް ފާމްތަކާއި، އެއާއެމްބިއުލާންސްގެ ޙިދުމަތާއި، ލަގްޒަރީ ޔޮޓް މެރިނާ އަކާއި، ފެރީ ޓާމިނަލް ހަބަކާއި، ޑިއުޓީ ފްރީ ފިހާރަތަކާއި، ފީނުމުގައި ޖެހޭ މައްސަލަތަކަށް ފަރުވާ ދޭނެ ޑީކޮމްޕްރެޝަން ޗެމްބަރަކާއި، ސީޕްލޭން ޓާމިނަލެއް ވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިނަދޫ އެއަރޕޯޓް މަޝްރޫޢު ސޮއިކުރުމުގެ ޙަފްލާގެ ތެރޭން--

 

ގދ އަތޮޅުގައި މިހާރުވެސް ތިން އެއާރޕޯރޓް (ކާޑެއްދޫ، ފަރެސްމާތޮޑާ، މާވާރުލާ) އެބަ އޮތެވެ. އަދި ތިނަދޫ އާއި ފަސްމިނިޓުގެ ދުރުމިނުގައި އެއޮތީ ކާޑެއްދޫ އެއާރޕޯރޓެވެ. މިހެން މިކަން އޮއްވައި ތިނަދޫ ފަޅުގައި އަނެއްކާ ބޮޑު ބައިނަލްއަޤްވާމީ އެއާރޕޯރޓެއް އެޅުމުން ކާޑެއްދޫއަށް ވާނީ ކިހިނަކުންތޯއެވެ؟ މުޅި ދެކުނުގެ ސަރަހައްދުގެ އިގްތިސީދަށް އަންނާނީ ކޮންކަހަލަ ނޭދެވޭ ބަދަލެއް ތޯއެވެ؟ އެއްވެސް ރޭވުންތެރިކަމެއް، ސަރަހައްދީ އިގްތިސޯދީ ޕްލޭނެއް ނެތި، ދުވަހަކު އެއްވެސް ބޮޑު މަޝްރޫއެއް ނުހިންގާ ތައިލޭންޑުގެ ކުޑަކުޑަ ކުންފުންޏެއްގެ ސީ.އީ.އޯ އެކޭ ކިޔާފަ އައިސް ހުރި ޒުވާން ޕްލޭބޯއި އަކާއި އެކު ކުއްލިއަކަށް އެމް.އޯ.ޔޫ އެއްގައި ސޮއެކޮށްލައިފިއެވެ.

ތައިލޭންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއަކީ ބްރެޝިއަރާއި ހެދުން އުފައްދާ، އެންމެ ތިރީހަކަށް ހާސް ޑޮލަރުގެ ކުޑަ ރައުސުލްމާލެއް އޮތް، ވަރަށް އަޑިނޭނގޭ ވައްތަރުގެ ކުޑަ ކުންފުންޏެކެވެ. އެތަނުގެ ސީއީއޯ އޭ ކިޔައިގެން އައިސް ކޮނސްޓްރަކްޝަން މިނިސްޓަރާއި އެކު މި އެމ.ްއޯ.ޔޫގައި ސޮއި ކުރި ޖިރާތު އަކީ ރާބޮއެގެން ނައިޓުކްލަބް ތަކުގައި މާރާމާރީ ހިންގަމުން، ވަގު ޑީލްތައް ހަދަމުން އުޅޭ ޒުވާން، ޕްލޭބޯއި މަކަރުވެރިއެކެވެ. އަދި އޭނާ އަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ވެސް ގާތް ގުޅުމެއް ބޭއްވި މީހެކެވެ. އެވަރުގެ މީހަކު ގެނެސް ހީލަތްތެރި ބޮޑު ސްކޭމެއް ޖައްސައިގެން، ތިނަދޫގައި އެއާރޕޯރޓެއް އަޅަނީއޭ ކިޔައިގެން މި ހިންގުނު ބޮޑު ޖަރީމާ އަކީ ރައީސް ޑރ.މުއިޒަށް އެގިވަޑައިގެން ހިންގުނު ކަމެއް ނަމަ އެމަނިކުފާނު އެހުންނެވީ ރައްޔިތުންގެ އިތުބާރު ގެއްލިވަޑައިގެންފައެވެ. އަނެއް ގޮތަކީ، އެއީ އެމަނިކުފާނަށް ހަޤީގަތް އެގިވަޑައިނުގެން، ސަރުކާރުތެރެއިން ކޮންމެވެސް އިސް ބަޔަކު އެމަނިކުފާނު ލައްވާ ކުރުވަން އުޅުނު ކަމެކެވެ. އެހެން ކަމަށް ވެއްޖެއްޔާ ރައީސް ކަމުގެ މަޤާމަށް ޑރ. މުއިއްޒު ކުފޫހަމަ ނުވެއެވެ.

ތިނަދޫ އާއި ފަސްމިނިޓް ކައިރީގައި ބޮޑުސިންގާ އެއާރޕޯރޓެއް އޮއްވާ އަނެއްކާ ތިނަދޫގައި އެއާރޕޯރޓެއް އަޅަން ނިންމައި، އެއްވެސް ހަރުދަނާކަމެއްނެތް ކުޑަ ކުންފުޏަކާއި އެކު ޓޯއި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށް، އެ މަޝްރޫއު އިއުލާން ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ އެހެން ބޮޑެތި ވައުދުތަކާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ފަދަ ކަމެކެވެ.

ތިނަދޫގައި އިއުލާން ކުރެވުނު މި ހީލަތްތެރި ބޮޑު ސްކޭމަށް ފަހު ރަސްމާލެ މަޝްރޫއާއި މެދުވެސް އަޅުގަނޑު މިހާރު ޝައްކެވެ. ރަސްމާލޭ ބިމުން ކުޑަ ތަންކޮޅެއް ހިއްކުމަށް ފަހު މިހާރު އޮތީ އެތަން ހިއްކުމުގެ މަސައްކަތް ހުއްޓިފައެވެ. ގުޅީފަޅު ހިއްކުން އޮތީ ހުއްޓިފައެވެ. އައްޑޫ ބްރިޖުގެ ސާވޭހަދަން އެއްބަސްވި އެމް.އޯ.ޔޫގައި ސޮއިކުރީ ދުވަހަކު މީހަކު ލޮލުންވެސް ނުދެކޭ ބުރުގާއެޅި ޒުވާން އަރަބި އަންހެން ކުއްޖެކެވެ. އެބްރިޖުވެސް އެޅޭނެބާވައޭ މިހާރު ސުވާލު އުފެދިއްޖެއެވެ. ރަސްމާލެއާއި މާލެ ގުލާލާ ބިއްލޫރި ޓަނެލުން ދަތުރުކުރާ އިރު ކަނޑުއަޑީގެ ރީތި މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވުމުން އަޅުގަނޑުވެސް ފުންމަފުންމާފަ އަތްޖެހީމެވެ. ނަމަވެސް ތިނަދޫ މަޝްރޫއަށް މިވީ ގޮތުން ރަސްމާލޭގެ ބިއްލޫރި ޓަނެލާމެދު ދެވަނަ ވިސްނުމަކުން ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. މިހާރު ހިތަށް އަރަނީ ވާދޫ ކަނޑުގެ އެހާ އަޑީން، ރޭލެއްގައި އެހާ ބަރަށް ދާއިރު އެއަނދިރި ކަނޑުގެ އަޑިން ފެންނާނީ ކޮން މަހެއް ބާވައޭ އެވެ! މިއީވެސް ހަމަ ތިނަދޫ އެއާރޕޯރޓު ސްކޭމް ކަހަލަ އަވާމެންދުރެއް ބާވައެވެ؟

އަޅުގަނޑަކީ މިދިޔަ ދެތިން މަސް ދުވަސް ތެރޭ ރައީސް ޑރ. މުއިއްޒަށް ވަރަށް ތާއިދުކޮށް ލިއުނު މީހަކީ މެވެ. ނަމަވެސް އަޅުގަނޑަކީ ވަކި މީހަކަށް ތާއިދު ކުރުމުގެ ބަދަލުގައި އަބަދުވެސް އުސޫލު ތަކަކަށް ތާއިދު ކުރާ މީހަކަށް ވާތީ މިހާރު މިފެންނަ އަވާ މެންދުރުތަކުން އަޅުގަނޑުގެ އިތުބާރު ގެއްލިއްޖެއެވެ. މިހާރު މުޅިންވެސް މިފެންނަނީ އެތަނުން ފަޅެއް، މިތަނުން ފަޅެއް ހިލޭ ދީފަ ފުނަދޫ އިން ހަނދަށް ބްރިޖް އަޅަން ވެސް އެމް.އޯ.ޔޫ ގައި ސޮއިކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ތަނެވެ.

ޖިރާތާއި ޢަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ

 

އިންޑިއާ ސިފައިން ބާލައި، އިންޑިއާގެ ކިބައިން މި ޤައުމު ސަލާމަތް ވާން އަޅުގަނޑުވެސް ވަރަށް ބޭނުމެވެ. އަކަމަކު މިއޮއް ފެންނަމުންދާ އަވާމެންދުރުތަކުގެ ސަބަބުން ސަރުކާރަށް އޮތް އިތުބާރު ގެއްލި، އިންޑިއާ ކިބައިން ވެސް ހަޤީޤީ މިނިވަންކަން ލިބޭނެ ބަވައޭ މިހާރު ސުވާލު އުފެދެން ފަަށައިފިއެވެ. ރައީސްގެ ޕާރޓީ، ޕީ.އެން.ސީ އަށް މަޖުލިސް ގެ މެޖޯރީޓީ ރައްޔިތުން ދީފިނަމަ ދެން އެންމެ އަވަހަށް އިއުލާން ކުރާނީ ގުއިފުނަދޫގައި ރޮކެޓް ލޯންޗިންގ ޕެޑެއް ޤާއިމް ކޮށް، ރޮކެޓުގައި ދިވެހިން ހަނދަށް ފޮނުވަން މިދައުރުތެރޭ ފަށާ ވާހަކަ ކަމަށްވެސް ވެދާނެއެވެ.

އަޅުގަނޑު ހިތަށް އަރައެވެ. އިންޑިއާ އައުޓް ކުރަންށާއި، ބުއްދި ޤަބޫލް ކުރެވޭ ތަރައްޤީ ގެނައުމަށް އަދިވެސް އެންމެ ރަނގަޅުވާނީ ރައީސް ޔާމިނެވެ. އެމް.ޑީ.ޕީގެ ރައީސް ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިހަކަށް ދުވަހު އައްޔަން ކޮށްފިއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުން ޝާހިދަކީ ކަނޑައެޅިގެން މިރާއްޖޭގައި ހުރި އިންޑިއާގެ ރޯގެ އެންމެ ބޮޑު އެޖެންޓެވެ. ޝާހިދަކީ ތައުލީމީ، ޤާބިލް ފަރާތެކެވެ. ނަމަވެސް އިންޑިއާއަށް އަޅުވެތިވެ ކޮރަޕްޓު ވެފައިވާ ވަރުން އެއީ ވެރިކަން ކީއްކުރަން، ރައީސް އޮފީހުގެ ދޮރުވާނުކަމާއި ހަވާލުކުރަންވެސް ހެޔޮވާވަރުގެ ފަރާތެއް ނޫނެވެ.

މިޤައުމަށް ހަމަޖެހުން ދެން ގެނެވޭނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން މަޖުލީހުގެ މެޖޯރިޓީ ރައީސް ޔާމިނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީ.އެން.އެފް) އަށް ދީގެން ކަމަށް ޤަބޫލު ކުރެވެއެވެ. ލިޔެލިޔެ ވަރުބަލި ވެއްޖެއެވެ. އަދިވެސް ކަނޑުއަޑީގެ ބިއްލޫރި ޓަނެލުގެ އަނެއް ކޮޅުން އުއްމީދުގެ އަލިކަމެއް ފެންނަވަރެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް ރައްޔިތުން ވޯޓުދެނީ ބަދަލަކަށެވެ. ނަމަވެސް ވެރިކަން ލިބުމާއި އެކު ކޮންމެ ވެރިއެއްގެ ވެސް ހަޤީޤީ ސިފަ ހާމަވެގެން ދެއެވެ. މިސަރުކާރުން އަޅާ ޅައެއްޗަކުން އަނެއްކާވެސް ވެރިކަން ގޮސް އެމް.ޑީ.ޕީ އާއި އަބްދުﷲ ޝާހިދާއި އިންޑިއާގެ އުނގަށް ނުވެއްޓިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅެވެ.