ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް މުޢިއްޒު ރައްދުދެއްވައިފިއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް، ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށެވެ. 

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢަކާއި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ.

ނަަމވެސް މި މަޝްރޫޢުތައް ހުއްޓިފައި ވަނީ، ކުރީ ސަރުކާރުން މަޝްރޫޢުތައް އެވޯޑްކުރުމުގައި އެއްބަސްވުންތައް އެކުލަވާލުމުގައިވެސް ގޯސްތައް ހަދާފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.