ރާއްޖޭގެ އެންމެ އުރުން އިހަވަންދިއްޕޮޅު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ޤަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދެވެ. އަދި ޔޫސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ސަބްރީއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުން، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ އިހަވަންދިއްޕޮޅުގައި ރާވާފައިވާ ޕޯޓް ސިޓީ ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.

އެރަސްމިއްޔަތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢިލް ވިދާޅުވީ، " "އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އުތުރަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުން. ޚާއްސަކޮށް ޓްރޭޑީންއާ ގުޅުން ހުރި ކަންތައްތައް އިހަވަންދިންޕޮޅުގައި ކުރުމާއި، މެނުފެކްޗަރިންނާއި އަދި އެއާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް މުޅިން އަލަށް ތައާރަފްކުރުން." ކަމަށެވެ.

އިހަވަންދިއްޕޮޅަކީ "އައިހެވަން"  ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން، ޓްރާންޝިޕްމަންޓް ބަނދަރަކާއި ބަންކަރިންގ ފެސިލިޓީއާއި އަދި ފަތުރުވެރިކަމަށްވެސް ޚާއްސަކޮށްގެން ރާއްޖޭގެ އިގްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްގީކުރާން ބިޔަ ޕްރޮޖެކްޓެއް އިއުލާނުކުރި ސަރަހައްދެކެވެ. ނަމަވެސް އެ ސަރުކާރު ނިމުނު އިރު އެމަސައްކަތް ފެށިފައި ނުވާއިރު، މި ސަރުކާރުން ވެސް ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމްގެ ކެމްޕޭނު ފެށުމާ ހަމައަށްވެސް މިފަދަ މަޝްރޫއެއްގެ ވާހަކަ ކުރިއަށް ގޮސްފައިވެސް ނުވެއެވެ.

އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރ ސައީދު ވިދާޅުވީ މި މަޝްރޫޢާއެކު " "ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދާނެ، އިތުރު ވަޒީފާތަކެއް އުފެއްދިގެން ދާނެ. ޕޯޓްގެ ޚިދުމަތާއެކު އެކި ދާއިރާތަކަށް ކުރިއެރުންތަކާއި އެކި ފުރުޞަތުތައް ލިބިގެންދާނެ." ކަމަށެވެ.

އިހަވަންދިއްޕޮޅަކީ، ރާއްޖޭގެ އުތުރުން ގުދުރަތީގޮތުން ވަކި އަތޮޅެއް ގޮތަށް އޮންނަ ސަރަހައްދެކެވެ. މިއީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް އެންމެ ވަރުގަދައަށް ހިނގާ އާގުބޯޓުފަހަރު އިރުމައްޗަށާއި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އެސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގުބޯޓު ހުރަސްކުރާއިރު ރާއްޖޭގައި މިފަދަ އިގްތިސާދީ ކަންކަން ކުރިއެރުވުމަށް މިސަރުކާރާ ވަރަށް ގާތްގުޅުމެއް އޮންނަ އިންޑިއާއަށް އެހާ ފަސޭހައެއް ނުވާނެއެވެ. އޭގެ އިތުރުން މިހާރުވެސް ރާއްޖޭގެ މިފަދަ މައި ސަރަހައްދުތަކަށް މި ސަރުކާރުގެ މަދަދާއެކު އިންޑިއާއިން އަސްކަރީގޮތުން އަތްގަދަކުރާ ކަމުގެ އަޑުތައް ދުވަހެއް ދުވަހަކަށް ގަދަވަމުންދާއިރު ސަރުކާރުން އޭގެ ދިފާއުގައި ގެންގުޅެނީ މައުލޫމާތުތައް ސިއްރުކުރުމުގެ ސިޔާސަތެކެވެ.