ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަދުގެން ފެށިގެން އަލުން ހުއްދަ ދޭން ފަށައިފިއެވެ.

އެ ހުއްދަ އަލުން ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން ދިވެހިރާއްޖެއަށް ބަންގްލަދޭޝްގެ އަންސްކިލްޑް ނުވަތަ ތަމްރީނު ލިބިފައި ނުވާ ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާއެކު ބަންގްލަދޭޝް ނޫން އެހެން ޤައުމުތަކުން ތަމްރީނު ލިބިފައި ނުވާ ލޭބަރުން ގެނައުން ހުއްޓުވާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ މި ނިންމުމާއެކު މިއަދުގެ ނިޔަލަށް އެކްސްޕެޓްރިއެޓް ޕޯޓަލްއަށް އެހެން ޤައުމުތަކުން ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރިން ގެނައުމަށް ހުށަހަޅާފައިވާ ހުއްދަތައް ޕްރޮސެސްކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝްގެ ތަމްރީނުލިބިފައި ނުވާ މަސައްކަތެރިން ގެނައުން މަނާ ކުރީ 2019 ވަނަ އަހަރު އެވެ. އޭރު އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކޮންމެ ޤައުމަކަށްވެސް 150،000 އަންސްކިލްޑް ލޭބަރުން ގެނައުމަށް ކޯޓާ އޮންނަ ކަމަށާއި، ބަންގްލަދޭޝްގެ އެ ކޯޓާއަށް މީހުން ރާއްޖޭގައި އޭރު އުޅޭ ކަމަށެވެ. އަދި އޭގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުންނަކީ ޤަވާއިދާއި ޚިލާފަށް އުޅޭ މީހުން ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މި ހުއްދަތައް މަނާ ކުރުމަށް އޭރު ވަނީ ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގާފައެވެ. އަދި އެ ފަރާތްތަކަށް މަސައްކަތް ހޯދުމުގައި މިނިސްޓްރީން ވަނީ އެހީވެދީފައެވެ.