ރާއްޖޭގައި މަސްވެރިކަން ކުރުމަށް ހުއްދަ ދޫކޮށްފައިވާ އުޅަނދުތަކުގެ ތެރޭން، ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ހަރު ނުކުރާ އުޅަނދުތަކުގެ ލައިސަންސް ހިފަހައްޓާނޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންސް ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.

މަސްވެރި އުޅަނދުތަކުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ހަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމާއި ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރޭން 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް ވީއެލްޑީ ހަރުކުރުމަކީ، ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސުގެ ޝަރުތެއް ކަމަށެވެ.

އެގޮތުން 18 މީޓަރަށްވުރެ ދިގު އުޅަނދެއްގައި ވީއެލްޑީ ހަރުނުކޮށް މަސްވެރިކަމަށް ނުކުމެ އުޅޭ ނަމަ މިނިސްޓްރީން ބަލާނީ ޝަރުތު ހަމަނުވާ އުޅަނދެއްކަމަށް ބުނެފައިވެއެވެ.

ފިޝަރީޒުން ބުނީ، އުޅަނދުތަކުގައި ވީއެލްޑީ ހަރުކޮށް، ގަވާއިދަށް ފެއްތުމަށް 30 އޮކްޓޯބަރ 2023އާ ހަމައަށް ފުރުސަތު ލިބޭނޭ ކަމަށާއި އޭގެ ފަހުން، ވީއެލްޑީ ނެތި މަސްވެރިކަމަށް ނުކުމެ އުޅޭ 18 މީޓަރު ހަމަވާ އުޅަނދެއް ފެނިއްޖެ ނަމަ، އެ އުޅަނދެއް ގަވާއިދަށް ފައްތަންދެން، ލައިސަންސް ހިފަހައްޓާނޭ ކަމަށެވެ.