ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ދެމަފިރީންނާއި ދަރިފުޅު ހިމެނޭ ޓީމަކުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. މިއީ ރާއްޖޭގައި މިގޮތަށް ދެމަފިރީން އިންތިޚާބަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

އަމިއްލަ ގޮތުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހަޅުއްވާފައި ވަނީ، ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި މއ. މާވެޔޮވިލާ، ހަސަން ޒަމީލެވެ. އޭނާގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމެވެ. އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ އެ ދެމަފިރީންގެ ދަރިފުޅު އަހުމަދު މަހުރާން ޒަމީލެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 14:00އަށް ހަމަވާނެއެވެ.