ހިމަބިހި ޖެހިފައިވާ އިތުރު މީހަކު މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާދީއްތަ ދުވަހު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، "5  އޮގަސްޓް 2023 ގައި މީސަލްސްއަށް ޕޮޒިޓިވް ކޭސްއެއް ވަނީ ފެނިފައި. މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް." ކަމަށެވެ.

ހިމަބިއްސަކީ ރާއްޖޭން އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް، މިދިޔަ ޖުލައި މަހު، ފަހުކޮޅު ރާއްޖޭން ބޭރުގައި އުޅުމަށްފަހު ރާއްޖެއައި ދިވެއްސެއްގެ ގައިން ހިމަބިހި ފެނި، އޭނާގެ ހާލަތު ހުރިގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަނަންކަމަށް އެޗްޕީއޭއިން އޭރު ބުންޏެވެ. އަދި އެ މީހާއަކީ މީސްލްސްގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައިވާ މީހެއްކަމަށްވެސް ބުންޏެވެ. ނަމަވެސް އަލަށް ފެނުނު ކޭހަކީ، ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތްކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނީ، ހޮނިހިރު ދުވަހުގެ ހިމަބިހި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަދި މި ކޭސް މޮނިޓަރކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ." ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.