ނިއު ދިއްލީ- އިންޑިއާއިން މަކުނުވިދުރި (މަންކީޕޮކްސް) އަށް ޝައްކު ކުރެވޭ ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އަވައްޓެރި އިންޑިއާގެ ސިއްޙީ ވުޒާރާއިން ރިޕޯޓުކޮށްފައި ވާގޮތުން، މަކުނުވިދުރި ފެތުރެމުންދާ ގައުމަކަށް ދާދި ފަހުން ދަތުރުކުރި ޒުވާން ފިރިހެނަކު ވަނީ ޕޮޒިޓިވްކޭހެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ.

އިންޑިއާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުން، ބަލި މީހާގެ ހާލު ރަނގަޅެވެ. އަދި އޭނާ މިހާރު ވަނީ ކަނޑައެޅިފައިވާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުގައި މަކުނުވިދުރި ވައިރަސް ހުރިކަން ކަށަވަރު ކުރުމަށް ސާމްޕަލް ތައް ޓެސްޓު ކުރުމަށް މިހާރު ފޮނުވާފައިވާކަމަށް ބުނެއެވެ.

މިއީ އިންޑިއާއިން ފެނުނު މަކުނުވިދުރިއަށް ފުރަތަމަ ޝައްކު ކުރެވޭ ކޭސް ކަމުން، ސިއްހީ އޮފިޝަލުން ގެންދަވަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.