މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަންދުވުމާ ގުޅިގެން، ޕީޕީއެމުން ބޭނުންވާ ނަމަ އިންތިޚާބު ބޮއިކޮޓްކުރާން އެމަނިކުފާނު އެދިވަޑައިގަތުމުން އެކަމަށް އެ ޕާޓީގެ ސެނެޓްގައި ނެގި ވޯޓުން އިންތިޚާބު ބޮއިކޮޓް ނުކުރާން ފާސްކޮށްފިއެވެ.

ރައީސް ޔާމީން ނޯޓެއް މެދުވެރިކޮށް ޕީޕީއެމްގެ ސެނެޓަށް އެންގެވިކަމަށް ވަނީ، އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ، މިފަހަރުގެ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދޭ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓުން އާދީއްތަ ދުވަހު މެންދުރު ފަހު ބޭއްވި ކުއްލި ބައްދަލުވުމުގައި، އިންތިޚާބު ބޮއިކޮޓް ކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ ނެގި ވޯޓުގައި ބައިވެރިވި 126 ސެންޓަރުންގެ ތެރޭން އިންތިޚާބު ބޮއިކޯޓްކުރަން ނުފެންނަކަމަށް 67 މެންބަރަކު ވޯޓު ދިނެވެ. ރައީސް ޔާމީން އެދިލެއްވި ގޮތަށް ބޮއިކޮޓްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ.

އީސީން ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައި ނުގަތުމަށް ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްތިފާގުވީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ.

އީސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް، އެ ޕާޓީން ވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ ޓިކެޓްވެސް ދީފައެވެ. އެހެން އޮއްވާ އިންތިޚާބު ބޮއިކޮޓް ކުރާން ގޮވާލުމުން ކޮންގްރެސް ތެރޭގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދި ހަމަނުޖެހުންވެސް ހިނގައިފައެވެ.

ޕީޕީއެމުން އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލާފައި ވާތީ އެގޮތަށް އަމަލުކޮށްފި ނަމަ، އެންމެ ބޮޑު ފައިދާއެއް ކުރާނީ، ވާދަވެރިޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކަމަށް ވިދާޅުވެ އެގޮތަށް ކަންކަން ނުކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޕީޕީއެމްގެ ސެންޓުގައި އެދިވަޑައިގެންފައެވެ.

މިއާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ، "އިންތިޚާބު ބޮއިކޮޓްކުރުމަކީ ރައީސް ޞާލިހަށް އެންމެ ފުރުސަތު ބޮޑުވާނޭ ގޮތް" ކަމަށާއި " ޕީޕީއެމްގެ ހުރިހާ ބޭފުޅުން މިކަމާމެދު އަދި އިތުރަށް ވިސް  ނާލެއްވުމަށް ވަރަށް އެދެން" ކަމަށެވެ.

މީގެ ކުރީން ޕީޕީއެމްއާ އެންމެ ވާދަވެރި، ނަމަވެސް މިހާރު އެޕާޓީއާ އެއް އޮއިވަރެއްގައި މިސްރާބު ހިފާފައިވާ އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން އުންމީދު ނަގާ ނުލައްވައި ޑިމޮކްރެޓްސްއާ އެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ﷲގެ އިރާދަފުޅާއެކު ކާމިޔާބު ވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހެޅުމުގެ މުއްދަތު ހޯމަދުވަހު 14:00އަށް ހަމަވާނެއެވެ.