ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދޮޅުމަހެއް ހާ ދުވަހުގެ ބޮޑު ބަންދަށްފަހު އާދީއްތަ ދުވަހު ކިޔެވުން ފެށިގެން ދިޔައިރު މި ދިރާސީ އަހަރުގައި ޖުމުލަ 84،000އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ.

އަލަށް ކިޔެވުން ފެށިގެން ދިޔައިރު، މާލެ ސަރަހައްދުގައި މުޅިން އާ ތިން ސްކޫލަކާއެކު ރާއްޖޭގައި މިއަދު ކިޔަވައިދޭން ފެށި ސްކޫލްތަކުގެ ޖުމްލައަކީ 216އެވެ. މާލެ ސިޓީގައި އަލަށް ކިޔަވައިދޭން ފެށި ސްކޫލް ތަކަކީ، ހުޅުމާލެ ދެވަނަ ފޭހުގައި އަލަށް އިމާރާތް ކުރި ސަލާހުއްދީން ސްކޫލާއި، ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކޮށްފައިވާ ސީއެޗްއެސްސީގެ އިމާރާތާއި، އަދި މާލޭގައި އަލަށް އިމާރާތްކުރި ދަރުމަވަންތަ ސްކޫލެވެ. މި ތިން ސްކޫލަކީވެސް އެއްދަން ފަޅިއަށް ކިޔަވައިދޭ ސްކޫލްތަކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އާ އަހަރުގެ ކިޔެވުން ފެށޭއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުންނާއި ވަސީލަތްތައްވެސް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް، ބައެއް ސްކޫލްތަކަށް މުދައްރިސުން ހޯދާން މި ހަފްތާތެރޭގައި އިއުލާނުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.