ޘާނަވީ އިމްތިހާން (އޯލެވެލް)ގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު 4 މާއްދާ (އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި) ހަދަން ޖެހޭގޮތަށް ނިންމައި، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން ސަރުކާރުން ފައިސާ ދައްކަނީ ގްރޭޑް 10ގެ އެންމެ ފަހު އިމްތިހާނުގައި ދަރިވަރުން ފާސްވާ މާއްދާތަކަށް އެކަންޏެވެ. އެގޮތުން މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން އޯލެވެލްގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މި ބަދަލުގެނައީ ކޮންމެ ދަރިވަރަކީ ވެސް ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށްކަމަށް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.