ރާއްޖޭގެ އެންމެ އުތުރުން މިވަގުތު ޚިދުމަތްދެމުން އަންނަ، ހއ. ހޯރަފުށީ އެއަރ ޕޯޓް ރޭގަނޑުގެ ދަތުރުތަކަށް ތައްޔާރުކޮށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ރޭގަނޑު ދަތުރަށް ޓެސްޓުކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ، ހޯރަފުށި އެއަރޕޯޓަށް ފުރަތަމަ ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އެ އެއަރޕޯޓަށް މޯލްޑިވިއަން އަދި މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.

ރޭގަނޑު ދަތުރުތައް ފެށުމުގެ ގޮތުން، ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީގެ އިތުރުން އައިއޭއެސްގެ އިސް ފަރާތްތަކާއި ހޯރަފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވިއެވެ.

ރިޒްވީ ވިދާޅުވީ، ރޭގަނޑު ދަތުރުތައް ފެށުމަށް ހޯރަފުށީ އެއަރޕޯޓް ތައްޔާރުވުމާއެކު މިހާރު އެ މަންޒިލަށް 24 ގަޑިއިރު ދަތުރުތައް ކުރާގޮތަށް ތާވަލަށް ބަދަލުގެންނާނޭ ކަމަށެވެ.