އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ނޮވެމްބަރު މަހުގެ 6-7އަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ. 

ވީއައިއޭގެ އާ ޓަރމިނަލް ނިންމައި، ބޭނުންކުރާން ފެށުމަކީ ޑރ. މުޢިއްޒުގެ އަމާޒެކެވެ. އަދި 2026ގެ ނިޔަލަށް މުޅި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިޚާބީ ރައީސާއި، އަބޫދާބީ ފަންޑުގެ ބޭފުޅުންނާއިއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ ތަރައްްކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ. 

އޭނާ ވިދާޅުވީ، "އެމަޝްރޫޢުއަށް ކުރިން ކަނޑައެޅި އަގަށްވުރެ އެތައް ގުނައެއް އަގު އިތުރުވެފައިވަނީ، އެ އިތުރުވި އަގުގެތެރެއިން މަސައްކަތް ނިންމުމަށް އިތުރަށް 79.80 މިލިއަން ޑޮލަރު ހޯދަން ޖެހިފައިވަނީ،" ކަމަށެވެ. 

"އަމިއްލަ ދަތުރުފުޅުގެތެރެއިން، ކުރެވުނު މަޝްވަރާތަކުން، ޔޫއޭއީ ސަރުކާރުން އަބޫދާބީ ފަންޑުގައި އެދުމުން، އެ މަޝްރޫޢަށް 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވޭ،" ފިރުޒުލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރާން ފެށި، ވީއައިއޭގެ އާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިން ލާދިން ގްރޫޕާ ޙަވާލުކޮށްގެން އެ މަޝްރޫޢު ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.