އޯގަސްޓު 3 އިން 12އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ އައިބީސީ ބޮޑީބޯރޑިންގ ވަރލްޑް ޓުއާރ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023"ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުގެ ކަސްޓަމަރ ސާރވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ޑިރެކްޓަރ، މަސްއޫދު އަލީ ވިދާޅުވީ އައިބީސީ ބޮޑީބޯރޑިންގ ވަރލްޑް ޓުއާރގެ ޑިޖިޓަލް ޕާޓްނަރަށްވެ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، ރާއްޖޭގައި ބޮޑީބޯރޑިންގ ހަލުވިކަމާއެކު ކުރިއަރަމުން އައުމާއި، އަޅުގަނޑުމެންގެ ޤައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

މޯލްޑިވްސް ބޮޑީބޯރޑިންގ އެސޯސިއޭޝަން، (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއަރގެ ރޭންކިންގއަށް ވަރަށް މުހިންމު އިވެންޓެއްކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މި އިވެންޓް ދެވަނަ ފަހަރަށް ރާއްޖޭގައި ކުރިއަށްވުރެ ފުރިހަމަކޮށް ގެނައުމުގައި ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

އައިބީސީ ބޮޑީބޯރޑިންގ ވަރލްޑް ޓުއާރ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރިއަށް ގެންދިޔައީ 2022 ވަނަ އަހަރުގައެވެ. އަދި މިއިވެންޓް ވެގެންދިޔައީ ވަރލްޑް ޓުއާރގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައެވެ.