ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، 3 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މަޝްހޫރު ކްރިކެޓް ލެޖްންޑް އަދި ޕާކިސްތާނުގެ އެތަކެއް މިލިއަން ރައްޔިތުންގެ ލޯބި ހޯދައި، ސިޔާސީ މައިދާނުގައިވެސް އެތަކެއް ހާސް ރައްޔިތުންގެ ތާޢީދު ލިބިފައިވާ ޚާންގެ މައްޗަށް، ހޮނިހިރު ދުވަހު އިސްލާމްއާބާދު ޑިސްޓްރިކްޓް ކޯޓުން 3 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އޭނާގެ ބޮޑުވަޒީރުކަމުގައި، ދައުލަތުގެ ޚަރަދުގައި ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި އެކިފަހަރުމަތިން ލިބިނުކަމަށް ބުނާ، ގާތްގަނޑަކަށް 140 މިލިއަން ޕާކިސްތާން ރުޕީސް (635،000 ޑޮލަރު)ގެ އަގުހުރި ހަދިޔާ ދައުލަތުގެ ނަމުގައި ގަނެވިއްކުމުގެ މުޢާމަލާތްތަކެއް ކުރިކަމަށް ބުނެއެވެ.

ގާނޫނީ ތަޖްރިބާކާރުން ދެކޭގޮތުގައި ކޯޓުގެ މި ހުކުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ އެންމެ ބޮޑު ވާދަވެރިޔާއަށް މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ އާންމު އިންތިޚާބުގައި ކުރިމައްޗެއް ނުލެވޭނެއެވެ.

ޚާންގެ ގާނޫނީ ޓީމުން ބުނެފައިވަނީ، ލާހޫރުގައި ހުންނަ އިމްރާންޚާންގެ ގެކޮޅުގައި ހުންނަވަނިކޮށް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، ޚާންގެ މައްޗަށް އިއްވި ހުކުމާ ގުޅޭގޮތުން އެގައުމުގެ ހައިކޯޓުގައި ޕެޓިޝަނެއް ހުށަހަޅާން ތައްޔާރުވަމުންދާ ކަމަށެވެ.

އުމުރުފުޅުން 70 އަހަރު މިހާރު ގުނަމުންދާ ޚާންގެ ފަރާތުން އޭނާގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށްވެއެވެ.

ޚާން ނިސްބަތްވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)އިން ވަނީ، އޭނާ މިނިވަންކުރުމަށް ގޮވާލަން ގައުމުގެ އެކި ކަންކޮޅުތަކުގައި ސުލްހަވެރި އިހްތިޖާޖުތައް ބޭއްވުމަށް ގޮވާލައިފައެވެ.

ރޮއިޓަސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، ލާހޫރުގެ ފުލުހުންގެ ޗީފް ބިލާލް ސިއްދީގުވެސް ވަނީ ޚާން ހައްޔަރުކޮށް ވެރިރަށް އިސްލާމްއާބާދަށް ގެނެސްފައިވާ ކަމަށާއި، ދެން އޭނާ ބަދަލުކުރާނީ ރާވަލްޕިންޑީ ސަރަހައްދުގައި ހަދާފައިވާ އެގައުމުގެ ސެންޓްރަލް ޖަލަށް ކަމަށެވެ.

އިމްރާން ޚާންގެ ސަޕޯޓަރުން ގަބޫލުކުރާގޮތުން ޚާންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެކެވެ. އެއީ އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެންނާން މިހާރުގެ ސަރުކާރުން ކުޅޭ ސިޔާސީ ކުޅިވަރެކެވެ.