ކޯލިޝަން ރޫޅާލައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރި ތާޢީދު އަނބުރާ ގެންގޮސް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރާން ނިންމި ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި، އަދި އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި ރައީސް އިބްރާހީމްގެ އިޤްތިޞާދީ ވަޒީރު އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީއޭގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، ބައިވެރިވެ ވޯޓުދިން 33 މެންބަރުންގެ އަޢުލަބިއްޔަތުން، އެމްޑީޕީއާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލައި، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުމަށް ނިންމުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. 

"އެމްޑީއޭގެ ނިންމުމަށް އިޙްތިރާމް ކުރާހާލު، އެއްކޮށް މި ކެމްޕޭނުގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" ފައްޔާޒު ވިދާޅުވިއެވެ.

"ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" ގޮވާލައްވައި ފައްޔާޒު ވިދާޅުވީ، "އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުތަކުގައި ދަތުރުކޮށް، ކުރި ހޯދާ ޕާޓީ. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާ ނުލެވުނު ޢަޒުމު،" ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އެމްޑީއޭއިން ވަނީ ވަރަށް ފޯރިއާއެކު ރައީސް އިބްރާހީމަށް ކެމްޕޭންކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ރައީސް އިބްރާހީމާއެކު އެމްޑީއޭގެ ލީޑަރު އެއްގޮތަކަށްވެސް ފެނިފައެއް ނުވެއެވެ. އެޕާޓީގެ ކައުންސިލުން ބުނެފައި ވަނީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ސަރުކާރުގެ ކެންޑިޑޭޓާ ވާދަކޮށް 15،000 ވޯޓުގެ ތަފާތަކުން ކުރިހޯދީމާ އެއީ ރައްޔިތުން އާނބަސް ބުނީ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ/އެމްޑީއޭ އަދި އަދާލަތު ހިމެނޭ ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 86161 ވޯޓެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒަށް 101635 ވޯޓު ލިބިވަޑައިގަތެވެ.

އެމްޑީއޭއިން ރައީސް އިބްރާހީމް ދޫކޮށްލުމުން، މިހާރު އެމަނިކުފާނު ހިފެހެއްޓެވި ވަރުގަދަ ކޯލިޝަންގައި ދެން ބާކީ އޮތީ ދާޚިލީވަޒީރު ޢިމްރާން ޢަބްދުﷲގެ އަދާލަތު ޕާޓީ އެކަންޏެވެ. 

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، 30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00އަށެވެ.