ޖަލުހުމެއްގައި މިވަގުތު ހުންނެވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުން ގާތްގަނޑަކަށް 7 ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ.

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، "ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލުމަށް 2023 އޯގަސްޓް 1ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ" ފޯމިގައިވާ މައުލޫމާތާއި ތަކެތި އެކޮމިޝަނުން ބަލައި ޗެކްކުރިއިރު، "ޤާނޫނުއަސާސީއާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްވާހަކަ،" އަންގާ ކަމަށެވެ. އަދި އެ ކޮމިޝަނުން ސުޕްރީމް ކޯޓުގައި ބުނެފައި ވަނީ، ޖަލުހުކުމެއްގެ އިތުރުން ސާބިތު ދަރަންޏެއްވެސް ޔާމީނު އަދާކުރާން ޖެހިފައިވާ ކަމަށެވެ.

 

މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ދައުލަތުގެ ބަންޑާރަނައިބުގެ ވަކީލުން ވަނީ، ޔާމީނުގެ ކެންޑިޑަސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުގައި ބުނެފައެވެ.

ނަމަވެސް، ގާނޫނުއަސާސީއާ ހަވާލާދީ ޔާމީންގެ ގާނޫނީ ޓީމުން ބުނެފައި ވަނީ، ނިހާއީ ހުކުމެއް ނާންނަހައި ހިނދަކު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނޭ ކަމަށެވެ. އަދި ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އެނޫން ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރެން ފުރުސަތު ދިނުމަށް އީސީގެ މައްޗަށް އަމުރުކުރާން އެދިފައިވެއެވެ.

 

ދަރަނީގެ މައްސަލައިގައި ބަންޑާރަ ނައިބުގެ ޓީމުން، މީރާއިން 3 ޖުލައި 2023ގައި ރައީސް ޔާމީނަށް ނޯޓިސް ފޮނުވި ކަމަށް ބުނި ނަމަވެސް، އެފަދަ ނޯޓިސްއެއް ލިބިފައި ނުވާކަމަށް ރައީސް ޔާމީނާއި އަދި ގާނޫނީ ޓީމުންވެސް ބުނެއެވެ.

 

ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުން ވަނީ، މައްސަލަ ނިންމާލީ ކަމަށާއި އަދި އިތުރު ކަމެއް ސާފުކުރާން ނެތްނަމަ، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ބުނެފައެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާ އިންތިޚާބާ ގުޅޭ މައްސަލަތައް ގިނަވެގެން 7 ދުވަހުގެ ތެރޭގައި ނިންމާން ޖެހެއެވެ.